މިދިޔަ މަހުގެ ތެރޭގައި 88 ޓަނުގެ މުދާ ކަނޑު މަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ބަލަހައްޓާ އެމްއޭސީއެލްއިން ބުނި ގޮތުގައި، މިދިޔަ މަހު ޖުމުލަ ފަސް ގައުމަކަށް މުދާ ފޮނުވިއެވެ. އެ މުދާތައް ފޮނުވީ، ގަތަރު އެއާވޭސްއާއި ސާވިސް އެއާވޭސްގެ އިތުރުން ޓާކިޝް އެއާވޭސް މެދުވެރިކޮށެވެ.
އެމްއޭސީއެލްއިން ބުނީ، 17 ޓީއީޔޫއެސްގެ ކާގޯ ފޮނުވިކަމަށެވެ.
ޓީއީޔޫއަކީ ކަނޑުމަގުން މުދާ އުފުލާ ކޮންޓޭނަރުތަކުގެ މިންގަނޑު ކަނޑައެޅުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ މިންގަނޑެކެވެ. މިއީ ބޯޓުފަހަރާއި ބަނދަރުތަކުގެ ކެޕޭސިޓީ ނުވަތަ މުދާ އުފުލުމުގެ ގާބިލުކަން ދެނެގަތުމަށާއި، ވިޔަފާރީގެ ތަފާސްހިސާބުތައް ބެލެހެއްޓުމުގައި ބޭނުންކުރާ މިންގަނޑެކެވެ. އެއް ޓީއީޔޫ އަކީ ދިގުމިނުގައި 20 ފޫޓު، އަދި ފުޅާމިނުގައި އަށް ފޫޓު، އުސްމިނުގައި 8.6 ފޫޓު ހުންނަ ކޮންޓޭނަރެއްގެ ސައިޒެވެ.
އެމްއޭސީއެލްގެ މުވައްޒަފުން މުދާ ހުސްކުރަނީ-- ފޮޓޯ: އެމްއޭސީއެލްދެހާސް ސައުވީސް ވަނަ އަހަރު ރާއްޖޭގައި ފެށި، "ސީޓުއެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފުޅާވެގެން ދިޔައީ ބަންގްލަދޭޝާއި އިންޑިއާ ފަދަ އަވައްޓެރި ގައުމުތަކުން ކަނޑުމަގުން ރާއްޖެއަށް މުދާ ގެނެސް، ވީއައިއޭ މެދުވެރިކޮށް ޔޫރަޕާއި އެމެރިކާގެ މަންޒިލްތަކަށް ވައިގެ މަގުން ފޮނުވަން ފެށުމުންނެވެ.
މި ވިޔަފާރި އެހާ ބޮޑަށް ކުރިއަރައިގެން ދިޔަ މައިގަނޑު ސަބަބަކީ، އިންޑިއާ ކަނޑުގައި ރާއްޖެ އޮތް މުހިންމު ޖިއޮގްރަފީ ސަރަހައްދުގެ އިތުރުން، ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ ފްލައިޓްތައް އަނބުރާ ޔޫރަޕަށް ފުރާއިރު ކާގޯ ޖާގަ (ބެލީ ކެޕޭސިޓީ) ހުސްކޮށް އޮތުމުން، އޭގެ ފުރިހަމަ ބޭނުން ހިފުމުގެ ފުރުސަތު ލިބުންނެވެ.
މީގެއިތުރުން، ސަރަހައްދީ ގާމެންޓް އުފެއްދުންތައް ހަމައެކަނި ކަނޑުމަގުން ފޮނުވުމަށް ވުރެ ވައިގެ މަގުން ފޮނުވުމުން އަވަހަށް މާކެޓްތަކަށް ލިބުމުގެ ފައިދާ ވެސް އޮތުމުގެ ސަބަބުންނެވެ. އަދި، އެމްޕީއެލާއި އެމްއޭސީއެލްގެ އިތުުރުން ކަސްޓަމްސް ގުޅިގެން ކަނޑުން ވައިގެ މަގަށް މުދާ ބަދަލުކުރުމުގެ މަރުހަލާތައް އަވަސްކޮށްދިނުމަކީ ވެސް މި ޚިދުމަތް ރާއްޖޭގައި ބާރަށް ފުޅާވާން ދިމާވި މުހިންމު ސަބަބެކެވެ.