އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް މަގުފަހިކޮށްދީ ހިތްވަރުދިން މައްސަލައިގައި މަންމައެއްގެ މައްޗަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް ހައިކޯޓުން ކުރި ހުކުމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މިއާއެކު މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ކުރި ދެ ހުކުމް ސައްހަ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ.
މި މައްސަލައަކީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން މީހަކު ލައްވައި، އެ އަންހެން މީހާގެ އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ މަގުފަހިކޮށްދިން މައްސަލައެކެވެ. މި މައްސަލައިގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 2016 ވަނަ އަހަރު މަންމަގެ މައްޗަށް ހުކުމް ކުރީ ދެ ދައުވާއެއްގައެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށް އަދި ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށެވެ.
މި ދެ މައްސަލައިގެ ތެރެއިން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުގައި އޭނާ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. އަދި ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
ނަމަވެސް، މި ދެ މައްސަލަ މަންމަގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 2018 ވަނަ އަހަރު ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ދެ ހުކުމް ވެސް ބާތިލުކޮށްފައެވެ. ހައިކޯޓުން އެގޮތަށް ނިންމީ ޝަރީއަތް ހިންގިއިރު ދައުވާގެ ލިޔުންތައް މަންމައަށް ލިބުނުކަން ކަށަވަރުނުވާތީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެއެވެ. އަދި ރިޕޯޓު ނުކުރި މައްސަލައިގެ ދައުވާއަކީ ތަހުގީގުގައި ތުހުމަތުނުކޮށް އުފުލި ދައުވާއެއް ކަމަށް ބަލައިގެންނެވެ.
ސުޕްރީމް ކޯޓުން އިއްވި ފަހު ބަސް:
މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އައުމުގެ ކުރިން ހިނގި މައްސަލައެއް ކަމަށާއި، އޭރު ކޯޓުތަކުން ލިޔުންތައް ރައްދުކުރިކަމުގެ ރެކޯޑު ވަކިން ނުބެލެހެއްޓި ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި ލިޔުންތައް ނުލިބޭ ކަމަށް ބުނެ މަންމަ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ. އަދި ވަކީލަކު ހަމަޖައްސަން އެކަށީގެންވާ ފުރުސަތު ދިން ކަމަށާއި، ދައުލަތުން ހުށަހެޅި ރިޕޯޓުތަކާ ގުޅިގެން ޝަރީއަތުގައި ހެކިންނާ އޭނާ ސުވާލުކޮށްފައިވާތީ، ލިޔުންތައް ނުލިބި ހުރުމަށްވުރެ ލިބިފައިވުން ގާތް ކަމަށް އެ ކޯޓުން ބުންޏެވެ.
ތަހުގީގުނުކޮށް ދައުވާކުރި ކަމަށް ބުނާ ނުކުތާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މަންމަގެ މައްޗަށް އުފުލި ރިޕޯޓު ނުކުރުމުގެ ދައުވާއާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގުގައި އޭނާއާ ސުވާލުކޮށްފައިވާކަން ބަޔާނުން އެނގެން އޮތް ކަމަށެވެ. އަދި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ އެކަން ސިއްރުކުރި ކަމަށް އޭނާ ތަހުގީގުގައި އެއްބަސްވެފައިވާކަން އެނގެން އޮތުމުން، އެ ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ވެސް ބަޔާނުގައިވެވއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ލިޔުއްވައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދުކުރެއްވި ހުކުމުގައި ވަނީ، ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މަންމަގެ މައްޗަށް އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައި ފައިސަލާކޮށްފައެވެ.