ފުލުހުންގެ ލޯންޗެއް މަރާމާތުކުރުމާއި ކަފުޖެހުމުގެ މުއާމަލާތްތަކެއްގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފުވި މައްސަލައިގައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސްގެ ކުރީގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް އިޔާޒު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މ. އަތޮޅު ފަރަކަށް އެރި "ޕޮލިސް 20" ނަންބަރު ލޯންޗު މަރާމާތު ކުރުމަށް ސްރީލަންކާއަށް ގެންދިއުމުގައާއި މާލެ ގެނައުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، 2018 ވަނަ އަހަރު އޭނާ ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. އެގޮތުން ފައިނޭންސް ޑިޕާޓްމަންޓުގެ ހުއްދަ ނެތި ޓަގު ބޯޓަކަށް 6،500 ލީޓަރުގެ ތެޔޮ ދޫކުރުމާއި، އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް އަމިއްލަ ކުންފުނިތަކަށް ފައިސާ ދެއްކުމަށް އަމިއްލައަށް ސިޓީ ފޮނުވުން ހިމެނެއެވެ.
މި މައްސަލައިގައި އިޔާޒު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅަށެވެ. އަދި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުންވެސް އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
އިޔާޒުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައިގަނޑު އިސްތިއުނާފީ ނުކުތާ
ޑިސިޕްލިނަރީ ބޯޑުން ހިންގި ތަހުގީގު ރަނގަޅު ނޫންކަން ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ހެކިން އެ ކޯޓުން ހާޒިރުނުކުރުމާއި، އެ ހެކިން ހާޒިރުނުކުރި ސަބަބު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވުމަކީ ޝަރީއަތް ކުރުމުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި އޭނާ ވަކިކުރީ އުސޫލުތަކުން ބޭރުން ކަމަށް ބުނެ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމި ނިންމުމަށް އަމަލުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން މައްސަލައިގައި އޭސީސީން ބެލި ބެލުމުގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވެން ނެތް ކަމަށް ނިންމާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައި ވަނީ، ޝަރީއަތަށް ހުށަހެޅޭ ހެކިންނަށް ރިއާޔަތް ނުކުރަން ނިންމާނަމަ އެކަމުގެ ސަބަބު ރިޕޯޓުގައި ބަޔާންކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ގަޟިއްޔާތަކުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ނަތީޖާ ބަދަލުވާ ފަދަ ހާލަތެއް ނެތް ނަމަ އެކަންޏަކުން ދަށު ކޯޓުގެ ހުކުމް ބާތިލުކުރަން ނުޖެހޭނެ ކަމަށެވެ.
އެގޮތުން، އިޔާޒުގެ ފަރާތުން ހުށަހެޅި ހެކިން ސިވިލް ކޯޓަށް ހާޒިރުކުރި ނަމަވެސް، އޭނާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އިންޝުއަރެންސްގެ ބަދަލު ހޯދުމަށް އޮންނަ އިޖުރާއާތުތަކަށް އޭނާ އަމަލުކޮށްފައި ނުވާކަން ސާފުވާ ކަމަށް ހުކުމުގައިވެއެވެ. އަދި ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި ބަލާ ސާބިތުކުރުމުގެ މިންގަނޑަކީ އާންމު ވަޒީފާތަކަށްވުރެ ލުއި މިންގަނޑެއް ކަމަށް ސުޕްރީމް ކޯޓުގެ ގަޟިއްޔާތަކުން ކަނޑައަޅާފައިވާ ކަމަށް ވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން، އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވަނީ އެންއައިސީން އެ މައްސަލަ ނިންމުމުގެ ކުރިން ކަމަށްވާތީ، އެންއައިސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަންގެ އެންގުމަށް އިދާރާތަކުން އަމަލުކުރުން ލާޒިމުނުވާ ހާލަތެއް މެދުވެރިވާ ކަމަށާއި، އަދި އޭސީސީގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން ކަމަށްވާތީ ގަވާއިދުގެ ދަށުން އެ ލިޔުމަށް ރިއާޔަތް ކުރެވެން ނެތް ކަމަށް ވެސް ހުކުމުގައި ބަޔާންކުރިއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ހުކުމް ދަމަހައްޓައި ފައިސަލާކޮށްފައެވެ.