ރާއްޖެއަށް 1.8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ޝަނަވާސް މަލަޔިލް ނަމަކަށް ކިޔުނު ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރުމަށް ނިންމާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމް ސާވިސްގެ ރިޕޯޓާއި ކަސްޓަމް އޮފިސަރުންގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ވަނީ އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށާއި އެއާއެކު ކަސްޓަމުން، އޭނާއާއި އޭނާގެ ލަގެޖު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ވަނީ، އެ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރުމުން އެއީ އޭނާގެ ތަކެތި ކަމަށާއި އެ ތަކެއްޗަކީ އެއްވެސް މީހަކާ ހަވާލުކުރަންޖެހޭ އެއްޗެއް ނޫންކަމަށް ބުނެފައިވާކަން ހާމަކޮށްފައެވެ. އެހެންވެ، އެ މަސްތުވާތަކެއްޗާ ހަވާލުވާ މީހަކު ބެލުމަށް، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭނާގެ ލަގެޖުން ފެނުނު ތަކެތީގެ ތަހުލީލު ރިޕޯޓުން އެތަކެއްޗަކީ ޓެޓްރާހައިޑްރީ ކެނަބިނޯލް ނުވަތަ ކެނަބިނޯލް ކަމަށް ދައްކާ ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 1.808 ކިލޯ ހުރިކަމަށް ބަންދު އަމުރުގައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލް ރިޕޯޓު، އެމްފިޓަމިން އަދި ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ކޯޓުން ބުނެފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ އަމަލުގައި އޭނާގެ ބައިވެރިވުން އޮތް ގޮތަށް ބަލާއިރު، އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާގެ ބަންދަށް މިއަދު މުއްދަތުޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވާ ހުކުރު ދުވަހަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައެވެ.