އިމްރާން، އިންޑިއާ ދޫކޮށް ދާން އެންގި އެންގުން ބާތިލުކުރުމަށް ހައިކޯޓަށް

އިންޑިއާގެ އެކްޓަރު އިމްރާން ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފޮރިނާސް އެކްޓާ ޚިލާފުވި ކަމަށް ބުނެ، މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިންޑިއާއިން ފޭބުމަށް ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ)އިން އަންގާފައިވާ އެންގުން ބާތިލުކުރުމަށް، ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން ބޮމްބޭ ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

މި މައްސަލަ މާދަމާގެ ވަގުތެއްގައި ހައިކޯޓަށް ވައްދައި އަވަސް އަޑުއެހުމަކަށް އެދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ބައްލަވާނީ ޗީފް ޖަސްޓިސް މަހޭޝް ޗަންދްރާ ތުރިޕާތީ އަދި ޖަސްޓިސް އަދުވައިތު ސެތުނާ ހިމެނިވަޑައިގަންނަވާ ޑިވިޜަން ބެންޗަކުންނެވެ. ކޯޓުގައި އިމްރާންގެ ދިފާއުގައި ވަކާލާތު ކުރާނީ އެމްޒެޑްއެމް ލީގަލްގެ ޤާނޫނީ ވަކީލުން ކަމަށްވާ ޒުލްފިޤާރު މެމޮން، ޕަރުވޭޒް މެމޮން އަދި ޗިރާގް ނައިކްއެވެ.

މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގެ އޯގަސްޓް ކްރާންތީ މައިދާނުގައި، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު (ސީއީސީ) ޔާނޭޝް ކުމާރާ ދެކޮޅަށް ކުރިއަށްދިޔަ ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވުމާ ގުޅިގެން އިމްރާން ވަނީ އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ މުޒާހާރާގައި އިމްރާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ/ އެންޑީޓީވީ

ވޯޓުލާ މީހުންގެ ލިސްޓު އިސްލާޙުކުރުމަށް ހިންގި ޚާއްސަ ޕްރޮގްރާމެއްގެ ސަބަބުން 130 މިލިއަނެއްހާ ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް ބުނެ، ސީއީސީގެ އިސްތިއުފާއަށް ގޮވާލައި ބޭއްވި މި އެއްވުމުގައި އިމްރާން ބައިވެރިވީ އޭނާގެ ލޯބިވެރިޔާ ލޭކާ ވޮޝިންޓަން އަދި ދެބެންގެދެދަރި ކޮއްކޮ ޒައިން މާރީއާއެކުގައެވެ.

އެ އެއްވުމަށްފަހު، ވެރިކަންކުރާ ބީޖޭޕީގެ ލީޑަރު ކިރިތު ސޯމައްޔާ ވަނީ ގާމްދޭވީ ޕޮލިސް ސްޓޭޝަނަށް އިމްރާންއާ ދެކޮޅަށް ރަސްމީ މައްސަލައެއް ހުށަހަޅާފައެވެ. އެ ޝަކުވާގައި ފާހަގަކޮށްފައިވަނީ އިމްރާނަކީ އެމެރިކާގެ ރައްޔިތެއް އަދި އިންޑިއާގެ "އޯވަސީސް ސިޓިޒަން އޮފް އިންޑިއާ" (އޯސީއައި) ކާޑު ހޯލްޑަރެއް ކަމަށްވާއިރު، ބޭރު ޤައުމެއްގެ ރައްޔިތަކު ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ފުލުހުން މި މައްސަލަ އިމިގްރޭޝަން އިދާރާއަށް ފޮނުވުމާއެކު، އޭނާގެ އެ އަމަލަކީ އިމިގްރޭޝަން ޤަވާއިދުތަކާ ޚިލާފު އަމަލެއް ކަމަށް ކަނޑައަޅައި، ޤައުމުން ފޭބުމުގެ އަމުރު ނެރުނެވެ.

އޯސީއައި ކާޑު އޮންނަ ފަރާތްތަކަށް އިންޑިއާގައި ދިގު މުއްދަތަކަށް ދިރިއުޅުމުގެ ވިސާ ލިބުނު ނަމަވެސް، ފުރިހަމަ ރައްޔިތުކަމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ވޯޓުލުމުގެ ޙައްޤެއް ނޯވެއެވެ. އަދި އިމިގްރޭޝަން އެންޑް ފޮރިނާސް އެކްޓް، 2025ގެ ދަށުން ބޭރު ޤައުމުތަކުގެ މީހުން އިންޑިއާގައި ނުވަތަ ވަކި ސަރަޙައްދެއްގައި ދިރިނޫޅެވޭނެ ކަމަށް އަންގައި ފޮނުވާލުމުގެ ފުރިހަމަ އިޚްތިޔާރު މަރުކަޒީ ސަރުކާރަށް ލިބިގެންވެއެވެ. އެހެންކަމުން ބޮމްބޭ ހައިކޯޓަށް އިމްރާން ޚާން ހުށަހަޅާ މައްސަލައަކީ އޭނާގެ ޤާނޫނީ ހައްގުތަކާއި އިންޑިއާގައި ދިރިއުޅުމުގެ މުސްތަޤުބަލާ ގުޅިފައިވާ ނުހަނު މުހިންމު މައްސަލައެކެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންއަށް ބޮޑު ބޭބެ ކިޔާ އިމްރާން އިންޑިއާއިން ފޭބުމަށް އަންގާފައި މިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އޭނާ އަލުން އެނބުރި އިންޑަސްޓްރީއަށް ނުކުމެފައިވާ ދަނޑިވަޅެއްގައެވެ. ދިހަ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އިމްރާން އަލުން ފެނިގެންދާނީ ނެޓްފްލިކްސްއިން ގެނެސްދޭ ފިލްމު "އަދޫރޭ ހަމް އަދޫރޭ ތުމް"އިންނެވެ. ޑައިރެކްޓަރު ދާނިޝް އަސްލަމް އުފައްދާ މި ފިލްމުގައި އިމްރާންއާ އެކު ލީޑް ބަތަލާގެ ރޯލުން ފެނިގެންދާނީ ބޫމީ ޕެޑްނެކާރެވެ. މި ފިލްމު ޕްރީމިއާ ކުރަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށެވެ.

comment ކޮމެންޓް