ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ އަދި އެންމެ ފަހު ސީޒަނުގެ ފުރަތަމަ އެޕިސޯޑުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ، ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން އޭނާގެ ޒާތީ ދިރިއުޅުމާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.
ޒަމާންތަކެއް ވަންދެން މީޑިއާގައ އަދި ސަޕޯޓަރުންގެ މެދުގައި ބޮޑު ސުވާލަކަށް ވެފައިވާ ކައިވެނީގެ ވާހަކަތަކާއި، ކުއްޖަކު ހޯދުމުގެ ހުވަފެނާ ބެހޭގޮތުން ސަލްމާން ވަނީ މި އެޕިސޯޑުގައި ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފައެވެ.
އުމުރުން 60 އަހަރުގެ އެކްޓަރު ހާމަކުރި ގޮތުގައި އޭނާ ކައިވެނި ނުކޮށް ހުރުމަކީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނުވަތަ ހުރަސްއަޅައިގެން ވީ ކަމެއް ނޫން ކަމަށާއި، އެއީ ހަމަ އަމިއްލަ އިޚްތިޔާރުގައި ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ. މުޅި ދުނިޔެ ދެކޮޅުވެގެން ބައިވެރިއަކު ނުލިބުނީ ކަމަށް ބުނެ އެއްވެސް މީހެއްގެ ބޮލުގައި އިލްޒާމް އެޅުވެން ނެތް ކަމަށާއި، މިހާރު ވެސް އުޅެނީ ވަރަށް އުފަލުގައި ކަމަށް ސަލްމާން ބުންޏެވެ. ނަމަވެސް، ކައިވެންޏާ ދުރުގައި ހުރި ނަމަވެސް ބައްޕައަކަށް ވުމުގެ އުންމީދު އަދިވެސް އޮތް ކަމަށާއި، ކޮންމެވެސް ދުވަހަކުން އެ އުފާ ވެސް ހަޔާތުން ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
މި ވާހަކައިގެ ތެރެއިން ކަރަން އޭނާގެ އަމިއްލަ ދިރިއުޅުމާ އަޅާކިޔަމުން، ބައިވެރިއަކު ނެތުމުން އެކަނިވެރިކަން އިހުސާސްވާ ކަމަށް ބުނުމުން ސަލްމާން ވަނީ އެކަމަށް ރައްދުދީފައެވެ. ސަލްމާން ފާހަގަކުރި ގޮތުގައި މަންމަ އާއި ލޯބިވާ ދެ ކުދިން ތިބުމުން ކަރަންއަކީ ނަސީބުވެރިއެކެވެ. އަދި އެކަނިވެރިކަން އިހުސާސްވާނީ އެއްވެސް މީހަކު އަމިއްލަ މީހާއާ އެކު ވާން ބޭނުންނުވާ ހާލަތްތަކުގައި ކަމަށާއި، ކަރަންގެ ހާލަތަކީ އެއީ ނޫން ކަމަށް ބުނެ ސަލްމާން ވަނީ ހިތްވަރު ދީފައެވެ.
ސަލްމާން، ޑައިރެކްޓަރު ކަރަން ޖޯހަރުއާ އެކު "ކޮފީ ވިތު ކަރަން"ގެ ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި--ފޮޓޯ/އެންޑީޓީވީ މީގެ އިތުރުން، އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް އާންމުންގެ ތެރެއަށް ތިލަނުކޮށް ހިފަހައްޓަނީ ކީއްވެގެންތޯ ސުވާލުކުރުމުން ސަލްމާން ބުނީ، އެއީ އޭނާގެ ބައްޕަ ސަލީމް ޚާންގެ ކިބައިން ފުރާވަރު އުމުރުން ފެށިގެން ދަސްވެފައިވާ އަގުހުރި ފިލާވަޅެއް ކަމަށެވެ. އެގޮތުން، ނިދާކޮޓަރިއަކީ އަމިއްލަ ތަނެއް ކަމަށާއި، މުޅި ގައުމަކީ ސިޓިންގްރޫމް ކަމަށް ސިފަކުރަމުން، ނިދާކޮޓަރީގައި ހިނގާ ޒާތީ ކަންކަން ސިޓިންގްރޫމާ ހަމައަށް ތިލަވާން ނުޖެހޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. އަދި މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެއްކުމަށްފަހު، އެ ގުޅުން ކާމިޔާބު ނުވެ އެމީހަކު އެހެން މީހަކާ ކައިވެނިކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ދެފަރާތަށް ވެސް ކުރާނެތީ އެފަދަ ވާހަކަތައް ދައްކަން ބޭނުންނުވަނީ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.
ޒާތީ ދިރިއުޅުން ކެމެރާތަކުގެ ފުރަގަހުގައި ސިއްރުކުރަން ސަލްމާން އަބަދުވެސް އިސްކަންދިން ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އޭނާގެ ލޯބީގެ ހަޔާތަކީ ބޮލީވުޑްގެ ހެޑްލައިންތަކުން އެންމެ ފާހަގަކޮށްލެވުނު އެއް މައުޟޫއެވެ. އެގޮތުން ކެރިއަރުގެ ކުރީކޮޅު ބަތަލާ ސަންގީތާ ބިޖްލާނީއާ ދެމެދު އޮތް ގުޅުން ކައިވެނީގެ ކާޑު ޗާޕުކުރުމާ ހަމައަށް ދިޔަ ކަމަށް އަޑުއެރި ނަމަވެސް، އެ ގުޅުން ކުއްލިއަކަށް ނިމުމަކަށް އައީ އެތައް ބަޔަކު ހައިރާންކޮށްލުމަށް ފަހުގައެވެ.
ސަލްމާން، ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އިންޑިއާގެ ބަތަލާ އައިޝްވާރިޔާ ރާއީއާ އެކު--ފޮޓޯ/އެންޑީޓީވީއޭގެ ފަހުން ފިލްމީ ތަރި ސޯމީ އަލީއާ އެކު ދުވަސްތަކެއް ހޭދަކުރުމަށްފަހު، ދެން ފެނިގެންދިޔައީ މުޅި އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އަދި އެހާމެ ހިތްދަތި ގޮތަކަށް ވަކިވާން ޖެހުނު ބަތަލާ އައިޝްވަރިޔާ ރާއީއާ އެކު އޮތް ލޯބީގެ ގުޅުމުގެ ވާހަކައެވެ. މި ހިތްދަތި ނިމުމަށްފަހު ވެސް، ކެޓްރީނާ ކައިފްގެ އިތުރުން ފަހުން ރޫމޭނިއާގެ މޮޑެލް އޫލިއާ ވަންތޫރްއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން، ސަލްމާންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާގެ ޞަފްޙާތަކުން ފަނޑުވެގެން ނުދެއެވެ.
މި ގުޅުންތަކުގެ ތަޖުރިބާތަކަށް ފަހު ވެސް، ސަލްމާން މިއަދު އިސްކަންދެނީ އެކަނިވެރި ނަމަވެސް އަމިއްލަ ނަފްސާ އެކު ހިތްހަމަޖެހިގެން އުޅޭ ސުލްހަވެރި ދިރިއުޅުމަކަށެވެ. ކައިވެނީގެ ގޮށް ޖެހުމާ ދުރުގައި ހުރި ނަމަވެސް، ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކުޑަކުއްޖެއްގެ ހުނުމުގެ އަޑުން ދިރިއުޅުން ފަޅުފިލުވައިދޭނެ ކަމުގެ ފޮނި އުންމީދު ސަލްމާން އަދިވެސް ދޫކޮށެއް ނުލައެވެ.