ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއް ތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވައިލައި، އެ ޑިރެކްޓަރީއަށް ޚާއްސަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކުރައްވައިފިއެވެ.
މި ޑިރެކްޓަރީގެ ވެބްސައިޓު އެޑްރެހަކީ directory.presidency.gov.mv އެވެ.
މި ޑިރެކްޓަރީއަކީ "މޯލްޑިވްސް 2.0"ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވުޖޫދަށް ގެނައި ވަސީލަތެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޑިރެކްޓަރީ އިފުތިތާހުކުރެއްވުމާ އެކު، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބޫޢާތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ސިސްޓަމްތަކާއި ޑޭޓާބޭސްތަކުގެ އިތުރުން ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ މި ޑިރެކްޓަރީގައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ޑިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމުގެ ގޮތުން، ޑިރެކްޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން، މުއައްސަސާއެއްގެ އިސް ވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ނަންބަރު ނުވަތަ މީސްމީޑިއާގެ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ރައީސް އޮފީހަށް އެންގުމަށް ވަނީ އަންގައިފައެވެ.
މީގެއިތުރުން އެފަދަ ބަދަލުތައް ހުށަހަޅަންވާނީ ވެބްސައިޓުގައިވާ މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް ނުވަތަ ރަސްމީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާ ބެހޭ ރަސްމީ މައުލޫމާތާއި ގުޅޭނެ ނަންބަރުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، "ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ" އެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
މި ޑިރެކްޓަރީ މެދުވެރިކޮށް ރައްޔިތުންނަށް ލިބޭ މުހިންމު ފަސޭހަތަކުގެ ތެރޭގައި ވުޒާރާތަކާއި، ކައުންސިލްތަކާއި، މިނިވަން މުއައްސަސާތަކުގެ ރަސްމީ ނަންތަކާއި އޮފީސްތައް ބަހާލެވި ހިންގަމުންދާ ގޮތް އެނގޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ކޮންމެ އިދާރާއަކަށް ވެސް ރަސްމީކޮށް ގުޅޭނެ ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް އެއްތަނަކުން ފެންނަން ހުރުމާއި މުއައްސަސާތަކުގެ ރަސްމީ ވެބްސައިޓުތަކަށް ސީދާ ވަދެވޭނެ ލިންކުތައް ލިބެން ހުރުން ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.