ސައުދީ އަރަމްކޯގެ އިދާރީ އިމާރާތަކަށް މިސައިލް ހަމަލާއެއްދީފި

ސައުދީ އަރަބިއްޔާގެ އިރުމަތީ ސަހަރެއް ކަމަށްވާ ޒަހްރާންގައި ހުންނަ ސައުދީ އަރަމްކޯގެ އިދާރީ އިމާރާތަކަށް ހަމަލާދީފިއެވެ.

ސައުދީ އެނާޖީ މިނިސްޓްރީން ބުނި ގޮތުގައި، ރޭ ދިން މި ހަމަލާގެ ސަބަބުން އެ އިމާރާތުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ވަގުތުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާއިރު، އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާވެފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެލިސްޓިކް މިސައިލަކުން ދިން މި ހަމަލާގައި އަރަމްކޯގެ މައި މަރުކަޒުގައި ހިމެނޭ އޮފީސް އިމާރާތެއްގެ އެންމެ މަތީ ތިން ފަންގިފިލާއަށް ވަނީ ގެއްލުންވެފައެވެ. މި މަރުކަޒަކީ އަރަމްކޯގެ އެއްގަމާއި ކަނޑުގެ ތެޔޮ ވަޅުތަކާއި، ހޮޅިތަކާއި، ރިފައިނަރީތަކުގެ އިތުރުން އެކްސްޕޯޓުކުރާ ޓާމިނަލްތަކުގެ ބޮޑު ނެޓްވޯކް ބަލަހައްޓާ މައި އޮޕަރޭޝަންސް ސެންޓަރެވެ.

މީގެ އިތުރުން، ސައުދީގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ދެ ކްރޫޒް މިސައިލެއް ވައްޓާލުމުގެ ތެރޭގައި ފޭބި ބައިތަކުގެ ސަބަބުން 15 ގެއަކަށް ގެއްލުންވެ، ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން މިއަދު ބުނެފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި، ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކު ހިމެނެއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހޫތީން ވަނީ ސައުދީގެ މުހިންމު ތަންތަނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ރިޔާޒްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ދިން ހަތަރު ހަމަލާއެއް ހިމެނޭއިރު، ހޮނިހިރު ދުވަހު ދިން ހަމަލާގައި 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތައް ދީފައިވަނީ، ސައުދީ އިސްވެ އޮވެ ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ވައިގެ ހަމަލާތަކަކާ ގުޅިގެން ބަދަލުހިފާނެ ކަމަށް ހޫތީން އިންޒާރުދީފައި ވަނިކޮށެވެ. ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި، ޒަހްރާންގައި ހުންނަ ސައުދީ އަރަމްކޯގެ މައި މަރުކަޒާއި ރިޔާޒްގައި ހުންނަ ތެޔޮ ރިފައިނަރީއަކީ އެ ޖަމާއަތުގެ އަމާޒުތަކެކެވެ. އަދި ސައުދީގައި މަސައްކަތްކުރާ ތެޔޮ ކުންފުނިތަކުގެ މުވައްޒަފުން، ހަމަލާ އަމާޒުވެދާނެ ފަދަ ތަންތަނާ ދުރުގައި ތިބުމަށް އެ ޖަމާއަތުން ވަނީ އަންގާފައެވެ.

ސައުދީ ކޯލިޝަނުން ސަންއާގެ ބޭރުގައި ހުންނަ ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީގެ ސަބާހް ސެންޓްރަލް ސްޓޭޝަނަށް ހަމަލާދީފައިވާއިރު، ސައުދީ ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޫތީން ދެމުންގެންދާ ހަމަލާތަކުގެ ނަތީޖާއާ އެ ޖަމާއަތުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ފެށި، ހޫތީން ވަނީ ރަތް ކަނޑުގެ އައްސޭރިފަށުން ފެށިގެން ބާބުލް މަންދަބް ކަނޑުއޮޅިއާ ހަމައަށް ކާމިޔާބީތަކެއް ހޯދާފައެވެ. ފެބްރުއަރީ މަހު އެމެރިކާއާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުން، ބާބުލް މަންދަބް ކަނޑުއޮޅިއަކީ ސައުދީ އަދި ދުނިޔޭގެ ހަކަތަ ސަޕްލައިކުރުމަށް މުހިންމު މަގަކަށް ވަނީ ވެފައެވެ. ޔަމަނުގެ ސަރުކާރު ސިފައިން ފެށި އޮޕަރޭޝަނެއްގައި ކަނޑުއޮޅިއާ އެންމެ ކައިރީގައިވާ ސަރަހައްދުތަކުން ހޫތީން ފަހަތަށް ޖައްސާފައިވީ ނަމަވެސް، އެ ޖަމާއަތުން ދަނީ ތައީޒް ސަރަހައްދުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، އެމެރިކާއިން ވަނީ ހޫތީންނާ ދެކޮޅަށް ސީދާ ހަނގުރާމައިގެ ތެރެއަށް ވަނުމަށް ސައުދީން ކުރާ މަސައްކަތްތަކަށް މިހާތަނަށް ދެކޮޅުހަދާފައެވެ. އަނެއްކޮޅުން، ސައުދީއާއި ހޫތީންނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އީރާނުން ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް