އެމެރިކާގައި ޑާޓީ ބޮމެއް ގޮއްވާލަން އީރާން ގެންދަނީ ރާވަމުން، މީގެނަތީޖާ ވަރަށް ހިތިވާނެ : ޓްރަމްޕް

ވޮޝިންޓަން (18 ނޮވެންބަރު 2026) : އެމެރިކާގައި ޑާޓީ ބޮމެއް ގޮއްވާލައިގެން އެމެރިކާގެ އިސް މަސްއޫލުވެރިންނާއި އާންމުންގެ އެތަށް ހާސްބަޔަކު މަރާލުމުގެ ރޭވުމެއް ތަންފީޒުކުރަން އީރާނުން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ތަކެއް ލިބިފައިވާކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ފިލިޕީންސްއަށް ކުރައްވާ ދަތުރުފުޅެއްގައި މެނީލާގައި ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ޑާޓީ ބޮމެއް ގޮއްވާލައިގެން ބޮޑު ގަތުލުއާންމެއް ހިންގަން އީރާން ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު އެމެރިކާގެ ޖާސޫސީ ފަރާތްތަކުން އޭނާއަށް ފޯރުކޮށްދީފައިވާ ކަމަށާ، މިއީ ވަރަށް ސީރިޔަސް ކަމެއްކަމަށް ބަލައިގެން އީރާނުގެ ރޭވުންތައް ކުރިޔަށްދާގޮތް ވަރަށް ގާތުން ބަލަމުންގެންދާ ކަމުގައެވެ. އެމެރިކާއަށް އަމާޒުކޮށް މިފަދަ ނުރައްކާތެރިކަމެއް ކުރަން އީރާނުން އުޅޭކަން ސާބިތުވެއްޖެނަމަ ދުނިޔޭގެ އެއްވެސް ގައުމަކަށް މިހާތަނަށް ނުދޭވަރުގެ ބޮޑު ގެއްލުމެއް އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވިއެވެ.

މިކަމާބެހޭގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު ލޮރިން ޕީސް ވިދާޅުވީ އެމެރިކާއަށް އަމާޒުކޮށް ބޮޑު ހަމަލާއެއް ދޭންއުޅޭކަމުގެ އިތުބާރުހުރި ހެއްކެތް އަދި ލިބިފައި ނުވިނަމަވެސް އީރާނުގެ ފަރާތުން އެމެރިކާއަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެމެރިކާގެ އިސް 7 އޮފިޝަލަކު ވިދާޅުވިގޮތުގައި އީރާނުގެ ފަރާތުން ކުރިމަތިވާކަމަށް ބެލެވިފައިވަނީ އެމެރިކާއަށް ކުއްލި ހަމަލާތަކެއް ދިނުމަށްވުރެ ބޮޑަށް އެމެރިކާއަށް ރައްދުދިނުމުގެ ގޮތުން އީރާނަށް ލިބެންހުރި އިޚްތިޔާރުތައް އެގައުމުން ބޭނުންކޮށްފާނެކަމުގެ ބިރެވެ. މިކަން ދެނެގަތުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށް އެ 7 ބޭފުޅުން ވިދާޅުވިކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ބްލޫމްބާގް ބުނާގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އަލަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް ވެރިން މަރާލުމަށްޓަކައި ވޮޝިންޓަން ގައި "ޑާޓީ ބޮމެއް" ނުވަތަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން ހަމަލާއެއް ދިނުމުގެ ރޭވުންތަކެއް އީރާންގެންދަނީ ރާވަމުންނެވެ. ރޭޑިއޮލޮޖިކަލް ޑިސްޕާސަލް ޑިވައިސް ނުވަތަ ޑާޓީ ބޮމަކީ އެއްފަހަރާ ގިނަ އަދަދަކަށް މީހުން މަރާލައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޚާއްސަކޮށްގެން އުފައްދާ ނޮން ނިއުކްލިޔާ ރޭޑިއޮލޮޖިކަލް ބޮމެކެވެ.

މި ބޮން ގޮއްވާލުމުން ނުކުންނަ ރޭޑިއޭޝަންއަކީ ނިއުކްލިޔާ ބޮން ގޮއްވާލުމުން އުފެދޭ ނިއުކްލިޔާ ޗެއިން ރިއެކްޝަނަކުން ނޫނީ ނިއުކްލިޔާ ފިޝަން އެއްގެ ސަބަބުން ނުކުންނަ އަލްފާ ބީޓާ އަދި ގެމާ ފަދަ ނިއުކްލިޔާ ރޭޑިއޭޝަނެއް ނޫނެވެ. ޑާޓީ ނުވަތަ މުޑުދާރު ބޮމަކީ ރޭޑިއޯލޮޖިކަލް ޑިސްޕާސަލް ޑިވައިސް އެކެވެ. އޭގެން ނުކުންނާނީ ނޮން ނިއުކްލިޔާ ރޭޑިއޮލޮޖިކަލް ރޭޝިއޭޝަން އެވެ. ޑާޓީ ބޮމުން އެއްފަހަރާ އެތައް ހާސް ބަޔަކު މަރާލެވިދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިބާވަތުގެ ބޮން އުފައްދަނީ ނިއުކްލިޔާ ބޮން އުފެއްދުމަށް ބޭނުންވާވަރަށް ވުރެދަށް ލެވެލްއަކަށް ފައްކާކޮށްފައިވާ ޔޫރޭނިއަމް އިންނާއި ވިހަގަދަ ޓޮކްސިކް ވޭސްޓް ބޭނުންކޮށްގެންނެވެ. ޑާޓީ ބޮމުން އެއްފަހަރާ އެތައް ހާސްބަޔަކު މަރާލުމުގެ އިތުރުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެއެވެ. އަދި ވައި ތަޣައްޔަރުވުމުގެ ކަންތައް އެތައް މަހަކަށް ދިގުދެމިގެންދާ ވަރުގެ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ދެވިދާނެއެވެ.

އީރާންވަނީ ޓްރަމްޕާއި އެމެރިކާގެ މަސްއޫލުވެރިންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އީރާނުގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މިއީ އިސްރާއީލު ގެ ޖާސޫސީ އިދާރާ އަޑީގައި އޮވެގެން އެމެރިކާގެ ޖާސޫސީ އިދާރާ ތަކާ ގުޅިގެން އީރާނަށް އަލުން ހަމަލާދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ހިންގަމުންގެންދާ ޕްރޮޕަގެންޑާއެކެވެ. އެމެރިކާއަކީ މީގެކުރިންވެސް ޖާސޫސީ މައުލޫމާތުގެ ނަމުގައި ދޮގު މައުލޫމާތުތައް ފުޅާދާއިރާއެއްގައި ފެތުރުމުގެ ރެކޯޑް އޮތް ގައުމެއްކަމަށާ އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރި ކަމަށްބުނެ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ނެރުނު ދޮގު ރިޕޯޓްތައް މިކަމުގެ ހެއްކަކަށް ފުދޭކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އީރާނަށް ހަމަލާދިނުމަށް ބާރުއެޅުމުގެ ގޮތުން އިސްރާއީލުގެ ޖާސޫސީ ވެރިޔާ ދާދިފަހުންވަނީ ވޮޝިންޓަނަށް ގޮސްފައެވެ. އެމެރިކާވަނީ އީރާން ހިސާރުކުރުމަށް އެއްގަމާއި ކަނޑާ އަދި ވައިގެ މަގުންވަނީ ވަރަށް ހަރުކަށި އަނިޔާވެރި ފިޔަވަޅުތަކެއް އަޅައިފައެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ އީރާން ބަނޑަށް ޖައްސައި އެމެރިކާއަށް ކިޔަމަންވުމަށް އީރާނަށް މަޖުބޫރުކުރުންކަމަށް ޓްރަމްޕް ހިމެނޭގޮތަށް އެމެރިކާގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް