ނައިޖީރިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި 32 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ އޮންޑޯ ސްޓޭޓްގެ އިގްބޮކޯޑާގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެއް ކައިރިއަށެވެ. މިއީ ތެޔޮ އުފައްދާ ސަރަހައްދެއް ކަމަށްވާ އިލާޖޭ ލޯކަލް ގަވާމަންޓް އޭރިއާގައި ހިނގި ހާދިސާއެކެވެ.
ނައިޖީރިއާގެ އޭވިއޭޝަން މިނިސްޓަރު ފެސްޓަސް ކެޔާމޯ ވިދާޅުވި ގޮތުގައި، ވެއްޓިފައިވަނީ އޭޓީއާރް-42 މަރުކާގެ މަތިންދާބޯޓެކެވެ. އެ ބޯޓު ވެއްޓުނުއިރު އޭގައި 25 ފަސިންޖަރުންނާއި ފަޅުވެރިންގެ ގޮތުގައި ހަތް މީހުން ތިއްބެވެ.
އެ ގައުމުގެ ވައިގެ ސިފައިންގެ ތަރުޖަމާނު އެހިމެން އެޖޮޑަމޭ ވިދާޅުވި ގޮތުގައި، މިއީ ބެނިން ސިޓީން ފުރައިގެން އިގްތިސާދީ މައި ރަށް ކަމަށްވާ ލާގޯސްއަށް ކުރި އާންމު ދަތުރެކެވެ. އެންޖީއާރް 931 ގެ ނަންބަރު ދީފައިވާ މި ބޯޓާ ގުޅުން ކެނޑުނީ ހެނދުނު 9:13 ހާއިރު ކަމަށް ކެޔާމޯ ވިދާޅުވިއެވެ. އަދި ރޭޑިއޯ މެދުވެރިކޮށް ބޯޓާ ގުޅުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޯޓު ވެއްޓުނު ސަރަހައްދުން ބޯޓުގެ ބައިތައް ފެނިފައިވާއިރު، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޖޮޑަމޭ ވިދާޅުވިއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކޯރެއް ކައިރީގައި މީހުން އެއްވެ ތިބިއިރު، މީހުން ސަލާމަތްކުރާ ފަރާތްތަކުން ދަނީ ބޯޓު ބޭނުންކޮށްގެން އެ ސަރަހައްދު ހޯދަމުންނެވެ. މަންޒަރު ދުށް މީހަކާ ހަވާލާދީ އޭޕީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓުނު ވަގުތު ގުގުރީގެ އަޑުފަދަ ގަދަ އަޑެއް އިވުނެވެ.
ނައިޖީރިއާގެ ރައީސް ބޯލާ ޓިނޫބޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގެއް ފެށުމަށް އޭނާ ވަނީ އަންގަވާފައެވެ.
އަސްކަރީ ބޯޓުތައް ރެގިއުލޭޓްކުރުމަކީ އޭވިއޭޝަން މިނިސްޓްރީގެ ދަށުން ކުރާ ކަމަކަށް ނުވި ނަމަވެސް، މީހުން ހޯދުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކެޔާމޯ ވަނީ ވިދާޅުވެފައެވެ.