މެދުއިރުމަތީގެ ގައުމުތަކުން ސާފުނުކުރާ ތެޔޮ އެކްސްޕޯޓުކުރާ މިންވަރު، ސަރަހައްދީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށް ރޮއިޓާސްއިން މިއަދު ރިޕޯޓުކޮށްފިއެވެ.
ބޯޓުފަހަރުގެ ދަތުރުތައް މޮނިޓާކުރާ ކުންފުންޏެއް ކަމަށްވާ ކެޕްލާގެ ތަފާސްހިސާބުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ، މިދިޔަ ސެޕްޓެމްބަރު 24 އަދި ސެޕްޓެމްބަރު 27 އިން 29 އަށް މެދުއިރުމަތިން ސާފުނުކުރާ ތެޔޮ އެކްސްޕޯޓުކުރި މިންވަރު ދުވާލެއްގެ މައްޗަށް 19.5 މިލިއަނާއި 22.5 މިލިއަން ފީފާއަށް އަރާފައިވާ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައިގެ ކުރިން، މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އެކްސްޕޯޓުކޮށްފައިވަނީ 18 މިލިއަން ފީފާގެ ތެލެވެ. މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ފާއިތުވި ހަތް ދުވަހުގެ އެވްރެޖަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 18.5 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ހޮރުމޫޒް ކަނޑުއޮޅިއާއި ރަތް ކަނޑު ހުރަސްކޮށް ކުރި ދަތުރުތަކާއި، ގަލްފް އޮފް އޮމާންގައި ބޯޓުން ބޯޓަށް ބަދަލުކުރި ތެޔޮ ހިމެނެއެވެ.
ހުރްމުޒް ކަނޑުއޮޅި. އީރާނުން ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނުމާ ގުޅިގެން ތެލުގެ އަގު ވަނީ އުފުލިފައި. ފޮޓޯ: އޭޕީ މިދިޔަ މަހުގެ ނިޔަލަށް ފާއިތުވި ހަތް ދުވަހު، ސާފުނުކުރާ ތެލާއި ތެލުގެ އެހެނިހެން އުފެއްދުންތައް ހިމެނޭހެން ޖުމުލަ 22.4 މިލިއަން ފީފާ އެކްސްޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ހޮރުމޫޒް ކަނޑުއޮޅިން ބޭރުކުރި ދިޔާ ގޭހުގެ (އެލްއެންޖީ) މިންވަރު ވެސް ސެޕްޓެމްބަރު މަހު ވަނީ އިތުރުވެފައެވެ. މިއީ ފެބްރުއަރީ މަހަށް ފަހު މި މިންވަރު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަނގުރާމަ ފެށުމުގެ ކުރިން ހޮރުމޫޒް ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް 125 ވަރަކަށް ބޮޑެތި ވިޔަފާރި އުޅަނދު ދަތުރުކުރިއިރު، މިއީ ދުނިޔެއަށް ދުވާލެއްގެ މައްޗަށް ސަޕްލައިކުރާ ސާފުނުކުރާ ތެލާއި އެލްއެންޖީގެ 20 ޕަސެންޓެވެ. މި ތަފާސްހިސާބުތަކުގައި، އުޅަނދު ދެނެގަންނަ ނިޒާމު ނިއްވާލައިގެން ސިއްރުން ދަތުރުކުރި އުޅަނދުތައް ނުހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ސަރަހައްދުގެ ކަނޑުދަތުރުފަތުރާ ބެހޭ މާހިރުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ، ހަމަލާތައް އިތުރުވުމާ ގުޅިގެން ބައެއް ޝިޕިން ކުންފުނިތަކުން ދަތުރުކުރާ މަގުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިގު މަގުތައް ހިޔާރުކުރަން ޖެހުނު ނަމަވެސް، ބައިނަލްއަގުވާމީ ބާޒާރުގައި ތެލަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން އެކްސްޕޯޓުކުރާ މިންވަރު ދަށްވެފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮމާންގެ ސަހަރާގައި ހުރި ތެޔޮ ނަގާ ޕަމްޕް ޖެކްސް-- ފޮޓޯ: ގެޓީ މީގެ އިތުރުން، ތެޔޮ އުފުލާ ބޯޓުފަހަރަށް ދޭ ހަމަލާތައް ގިނައިން އަމާޒުވަނީ ރަތް ކަނޑާއި ގަލްފް އޮފް އެޑެން ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ކަމަށް ކަނޑުމަތީގެ ސަލާމަތާ ބެހޭ އިދާރާތަކުން ބުނެފައިވެއެވެ. މި ސަރަހައްދުތަކަކީ މެދުއިރުމަތީގެ ތެޔޮ ޔޫރަޕާއި އޭޝިއާގެ ގައުމުތަކަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުއޮޅިތަކެކެވެ.
ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާތީ، ބޯޓުފަހަރުގެ އިންޝުއަރެންސް އަގުތައް އުފުލިފައިވާ ކަމަށް ވެސް ވިޔަފާރިވެރިންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް، ތެލުގެ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުން ދަނީ މެދުކެނޑުމެއް ނެތި ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
މިކަމާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ އުފައްދާ މައިގަނޑު ގައުމުތަކުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.