ސިޓީއާ ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެ، ކުލަބު ރެލިގޭޓް ކޮށްފާނެކަމުގެ ބިރު!

ސިޓީއާ ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެ، ކުލަބު ރެލިގޭޓް ކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓުތައް ބުނޭ.. ފޮޓޯ/ ސްކައި ނިއުސް

ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ހަ ފަހަރު ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފައިވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އުފުލި މާލީ ގަވާއިދުތަކާ ޚިލާފުވުމުގެ 115 ދަޢުވާގެ ތެރެއިން އެއް ދަޢުވާ ފިޔަވައި އެހެން ހުރިހާ ދަޢުވާއަކަށް އެ ކުލަބު ކުށްވެރިވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ނިންމުމާ ގުޅިގެން ސިޓީގެ އަތުން ތަށިތައް އަތުލައި އަދި އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްކުރުން ވަރަށް ގާތް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއާ ލީގުން ސިޓީއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ދަޢުވާ އުފުލައި، މިނިވަން ކޮމިޝަނަކަށް މައްސަލަ ހުށަހެޅީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސިޓީއާ ދެކޮޅަށް އުފުލާފައިވާ މައިގަނޑު ދަޢުވާތަކުގެ ތެރޭގައި މާލީ ސައްހަ މައުލޫމާތު ނުދިނުމާއި، މާލީ ހިސާބުތައް އޮޅުވާލުމާއި، ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގެ ގަވާއިދުތަކާ ޚިލާފުވުން ހިމެނެއެވެ.

މީގެ އިތުރުން ރަސްމީ ރެކޯޑްތަކުން ބޭރުން ފައިސާގެ މުޢާމަލާތްތައް ހިންގުމާއި، ކުޅުންތެރިންނާއި ކޯޗުންގެ ކޮންޓްރެކްޓްތަކުގެ ތަފްސީލު ފުރިހަމައަށް ހާމަނުކުރުމާއި، ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ތުހުމަތުތައް ވެސް ހިމެނެއެވެ.

ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މިނިވަން ކޮމިޝަނުން ކުރިއަށް ގެންދިޔަ އަޑުއެހުންތައް 16 ސެޕްޓެމްބަރު 2024 ގައި ފަށައި، 6 ޑިސެމްބަރު 2024 ގައި ވަނީ ނިންމާލާފައެވެ.

ސިޓީގެ މައްސަލަ ދިގުލައިގެން ދިޔައިރު، ޕްރިމިއާ ލީގުގެ ޕްރޮފިޓަބިލިޓީ އެންޑް ސަސްޓެއިނަބިލިޓީ ރޫލްސް (ޕީއެސްއާރު) އާ ޚިލާފުވެގެން އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓްގެ ޕޮއިންޓް ވަނީ އުނިކޮށްފައެވެ.

ނަމަވެސް ސިޓީގެ މައްސަލައިގެ ޙުކުމް އައުން ލަސްވުމާ ގުޅިގެން ޕްރިމިއާ ލީގުގެ ވެރިޔާ ރިޗަޑް މާސްޓާސް ވަނީ މިކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން ކުރިން ފާހަގަކުރައްވާފައެވެ.

މާހިރުން ބުނާ ގޮތުގައި ޕްރިމިއާ ލީގަށް ސީދާ ދަށް ޑިވިޝަންތަކަށް ސިޓީ ރެލިގޭޓް ކުރުމުގެ ބާރެއް ނޯންނާނެއެވެ. އެހެންކަމުން އެންމެ އެކަށީގެންވާ އަދަބަކީ 60 ޕޮއިންޓާ ގާތްކުރާ އަދަދަކަށް ޕޮއިންޓް އުނިކުރުމެވެ.

މިފަދަ ބޮޑު އަދަބަކާއެކު އޮޓޮމެޓިކުން އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ހަމައެއާއެކު، ސިޓީން މީގެ ކުރިން ހޯދާފައިވާ ތަށިތައް އަތުލުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިޓީން މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށްފައިވާއިރު، އެ ކުލަބުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ބުނެފައި ވަނީ މި މައްސަލަ ސާބިތުވެއްޖެނަމަ ކުލަބު ދޫކޮށްލާނެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ސިޓީން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވޭއިރު، ޕްރިމިއާ ލީގުގެ ތަރުޖަމާނަކު ވިދާޅުވީ މިއީ ސިއްރު މަރުހަލާއެއް ކަމަށާއި އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ސިޓީން ބީބީސީއަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް