ވީއޭއާރުން ގޯސް ހެދިކަމަށް ބުނެ ޕްރޯ ރެފުން ހާލަންޑުގެ ލަނޑު ބަލައެެއްނުގަތް

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކޮޅަށް ލަނޑު ޖެހުމަށްފަހު ހާލަންޑު--

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓަރ ސިޓީ މޮޅުވި މެޗުގައި ސިޓީން ޖެހި ލަނޑަކީ ގަވާއިދާ ޚިލާފު ލަނޑެއް ކަމަށާއި، އެ ނިންމުމުގައި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އަށް ބޮޑު ގޯހެއް ހެދިފައިވާ ކަމަށް ރެފުރީންގެ އިދާރާ (ޕްރޯ ރެފް) އިން ބުނެފިއެވެ.

ޔުނައިޓެޑުގެ ދަނޑު ކަމަށްވާ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗުގެ 60 ވަނަ މިނެޓުގައި އާލިން ހާލަންޑް ކާމިޔާބުކުރި މި ލަނޑު، ދަނޑުމަތީގެ ރެފުރީ ފުރަތަމަ ނިންމީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ނަމަވެސް ވީއޭއާރްއިން މުރާޖާކުރުމަށްފަހު ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން ޕްރޯ ރެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައިގައި ބޮލުން ޖަހަން މަސައްކަތްކުރި އެންޒޯ ފެނާންޑޭޒްގެ ސަބަބުން ކުޅުމަށް ކުރި އަސަރު ދެނެގަތުމުގައި ވީއޭއާރުން ނުކުޅެދުނު ކަމަށެވެ.

"ދަނޑުމަތީގައި ރެފުރީ ނިންމީ ހާލަންޑް ހުރީ އޮފްސައިޑުގައި ކަމަށް. ނަމަވެސް ވީއޭއާރްއިން ބެލިއިރު އޭނާ ހުރީ އޮންސައިޑް މަގާމެއްގައި،" ޕްރޯ ރެފްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ އެޓޭކުގެ ތެރެއިން އެންޒޯ ފެނާންޑޭޒް ބޯޅައިގައި ފައިނުލާކަން ކަށަވަރުވި ކަމަށާއި އެހެންކަމުން އޮފްސައިޑް ކަމަށް ނިންމާ ނިންމުން ބިނާވެފައި އޮންނާނީ ރެފުރީގެ އަމިއްލަ ނިންމުމުގެ މައްޗަށް ކަމަށެވެ. އެކަމަކު މި ހާލަތުގައި އޭނާ ހުރި މަގާމުގެ ސަބަބުން ކުޅުމަށް ކުރާނެ އަސަރު ދެނެގަތުމުގައި ވީއޭއާރުން ގޯސް ހެދިފައިވާތީ، ދަނޑުމަތީގައި ހުރި ރެފުރީއަށް އެ މަންޒަރު ސްކްރީނުން އަލުން ބެލުމަށް ލަފާދޭންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޯ ރެފްއިން އިތުރަށް ބުނީ މިއީ ނިންމުމުގައި ހެދިފައިވާ ގޯހެއް ކަން ގަބޫލުކޮށް، އެކަން ރޭ މެންޗެސްޓަރ ޔުނައިޓެޑަށް އަންގާފައިވާ ކަމަށާއި، މި ހާދިސާ އިތުރަށް މުރާޖާކުރާނެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް