އުރީދޫ މޯލްޑިވްސްއިން އެންމެ ފަހުގެ އައިފޯން 18 ސީރީޒްގެ ފޯނުތައް، ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނާ ރޭ ހަވާލުކޮށްފިއެވެ.
މިއީ އެޕަލް ކުންފުނިން ދާދި ފަހުން ބާޒާރަށް ނެރުނު އާ އައިފޯން ރާއްޖޭގައި ރަސްމީކޮށް ވިއްކަން ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ފޯނުތައް ކަސްޓަމަރުންނާ ހަވާލުކުރުމަށް އުރީދޫން ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
އުރީދޫގެ ހެޑްކުއާޓަރުގައި ރޭ ދަންވަރު 12:01 ގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި، ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ އެ މީހުންގެ އާ ފޯނުތަކާ ހަވާލުވެފައެވެ. އުރީދޫން ބުނި ގޮތުގައި، މި ހަރަކާތަކީ ކަސްޓަމަރުންނަށް އެންމެ އަވަހަށް އާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ބޭއްވި ހަރަކާތެކެވެ.
އާ އައިފޯން ކަސްޓަމަރުންނާ ހަވާލު ކުރުމަށް އުރީދޫން ރޭ ބޭއްވި ހަފުލާގެ ތެރެއިން-- ފޮޓޯ: އުރީދޫއަދި ޕްރީ-އޯޑަރު ނުކުރާ ކަސްޓަމަރުންނަށް ވެސް އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް އައިފޯން 18 ސީރީޒްގެ ފޯނުތަކަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. މީގެ އިތުރުން، އުރީދޫ ނެޓްވޯކް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކެއް މި ފޯނާއެކު ލިބޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އެޕަލްއިން މި މަހު ތައާރަފުކުރި އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސްގައި ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހިމެނެއެވެ. ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފޯނުތަކުގައި ބޭނުންކޮށްފައިވަނީ އެންމެ ފަހުގެ ދެ ނެނޯމީޓަރުގެ ޓެކްނޮލޮޖީއަށް އުފައްދާފައިވާ އޭ20 ޕްރޯ ޗިޕެކެވެ. މީގެ ސަބަބުން ފޯނުގެ ސްޕީޑް އަވަސްވެ، ގްރެފިކްސް ޕާފޯމަންސް 40 އިންސައްތަ އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބެޓެރީގެ އުމުރު ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައެވެ. އެގޮތުން އައިފޯން 18 ޕްރޯ މެކްސްގައި 45 ގަޑިއިރު ވަންދެން ވީޑިއޯ ބެލޭނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.
ކެމެރާ ސިސްޓަމަށް ބަލާއިރު، 48 މެގަޕިކްސެލްގެ މެއިން ކެމެރާއާއެކު އާ ވެރިއަބަލް އެޕާޗާ ސިސްޓަމެއް ހިމަނާފައިވުމުން، އަލި މަދު ވަގުތުތަކުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ރަނގަޅުވާނެއެވެ. މީގެ އިތުރުން، "އެޕަލް އިންޓެލިޖެންސް" ގެ ނަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހާއްސަ ފީޗާތަކަކާއި، އޭއައި މެދުވެރިކޮށް އިތުރަށް ފުރިހަމަކޮށްފައިވާ ސިރީގެ ހިދުމަތް ވެސް މި ފޯނުތަކުން ލިބޭނެއެވެ.