އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އޮޑިގޯ އެޕާ ގުޅާލައި، ރަށްރަށުގެ ދަތުރުތަކުގެ ބުކިންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު، އޮޑިގޯ އެޕް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ފުޅާވެ، އާންމު ދަތުރުފަތުރުގެ ކަންކަމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އުރީދޫން ބުނެއެވެ.
އޮޑިގޯ އެޕްލިކޭޝަންގައި އެމް-ފައިސާ ހިމެނުމުން، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ބަލައި، އެ ދަތުރުތަކަށް ވާ ފައިސާ ސީދާ އެމް-ފައިސާ ވޮލެޓުން ވަގުތުން ދެއްކޭނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ބުކިން ފުރިހަމަވުމާއެކު ކަސްޓަމަރަށް ޑިޖިޓަލް ބޯޑިން ޕާހެއް ލިބިގެންދާނެތީ، ދަތުރުގެ ފެށުމުން ފެށިގެން ނިމުމާ ހަމައަށް ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް އަހުމަދު ނުއުމާން ވިދާޅުވީ، އެމް-ފައިސާއާ މެދު އެ ކުންފުނިން ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭން. އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުން." އަހުމަދު ނުއުމާން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބައިވެރިވުމުން ދައްކުވައިދެނީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި، މުޅި ރާއްޖޭގައި އިތުރަށް ގުޅިފައިވާ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތެވެ.“ ނުއުމާން ވިދާޅުވިއެވެ.
ދިވެހި އުފެއްދުމެއް ކަމަށްވާ އޮޑިގޯ އަކީ ދަތުރުފަތުރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ ތަފާތު ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.
ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިންނަށް ވެސް ފަސޭހައިން ހިދުމަތްތައް ބުކްކުރެވޭ މި އެޕްގައި ރަށްރަށުގެ ދަތުރުތަކުގެ އިތުރުން ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތަކާއި، އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅާލަދިނުމާއި، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތަކުގެ މާކެޓްޕްލޭސްއެއް ހިމެނެއެވެ.
މީގެއިތުރުން ކަނޑުގެ ތަފްސީލީ ޗާޓެއް ކަމަށްވާ "އޮޑިމެޕް" އާއި ސަގާފީ މޫސުމީ މައުލޫމާތާއި މަސްވެރިކަމުގެ ލަފާކުރުންތައް ދައްކުވައިދޭ "ނަކަތް" ވެސް މި ޕްލެޓްފޯމުގައި ހިމެނޭ ކަަމށް އުރީދޫން ބުންޏެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެއް ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ޔުޓިލިޓީ ބިލްތަކާއި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ އިތުރުން މޮބައިލް ރީޗާޖު ކުރެވެއެވެ. އަދި މި އަހަރުގެ ކުރީކޮޅު ޕޭޕަލްގެ ހިދުމަތް ގުޅާލުމާ ގުޅިގެން، ރާއްޖެއިން ބޭރުން ބައިނަލްއަގުވާމީ ފައިސާ ލިބިގަތުމުގެ ފުރުސަތުވެސް ވަނީ ފަހިވެފައެވެ.
ޖޯގްރަފީ ގޮތުން ރަށްތައް ވަކިވަކިން އޮންނަ ރާއްޖޭގައި ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރެވޭނެ އީޖާދީ ވަސީލަތްތައް ގާއިމުކުރުމަކީ މުހިންމު ކަމަކަށްވާއިރު، އޮޑިގޯ އެޕް މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އުރީދޫން ބުނެއެވެ.