ދިވެހިރާއްޖޭގެ އިގްތިޞާދު ސިންދަފާތުކޮށް، ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙަގީގަތަކަށް ހެދުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ މިއަދު ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ޗައިނާގެ ސަފީރު ވެސް ބައިވެރިވެވަޑައިގެން ޚާއްސަ ލަވައެއް ހުށަހަޅުއްވައިދެއްވިއެވެ.
24 ސެޕްޓެމްބަރު 2026: ޗައިނާގެ ސަފީރު ވެސް ބައިވެރިވެވަޑައިގެން ޚާއްސަ ލަވައެއް ހުށަހަޅުއްވައިދެއްވުން -- ފޮޓޯ: ރައީސް އޮފީސްސަފީރު ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން، ޕީއެންސީގެ ގައުމީ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށާއި، މަސްވެރިކަމުގެ ދާއިރާ ޒަމާނީ ކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަމާއެކު ޤަބޫލުކުރަނީ ޓެކްނޮލޮޖީއާއި، ރައުސްމާލާއި އަދި މެނޭޖްމަންޓްގެ ތަޖުރިބާގައި ޗައިނާއަށް ލިބިފައިވާ ގާބިލުކަމާއި، ރާއްޖޭގެ ޚާއްސަ ވަސީލަތްތަކާއި މުއްސަނދި ހުނަރުތައް އެއްކޮށްލައިގެން، އަޅުގަނޑުމެންނަށް 'ބްލޫ އިކޮނޮމީ' އިތުރަށް ފުޅާކޮށް، 'ގްރީން ޑިވެލޮޕްމަންޓް' އިތުރަށް ހަރުދަނާކޮށް، އަދި 'ޑިޖިޓަލް މުސްތަޤްބަލު' ކުރިއަށްވުރެ ކައިރިކުރެވިދާނެ ކަމަށް،" ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން ސަފީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ދަރަންޏަށް އެއްވެސް ބުރައެއް ނާންނާނެހެން ހިންގާ މަޝްރޫއުތަކެކެވެ. އެގޮތުން ބިޑިން މަރުޙަލާގައި އޮތް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، ޑިޒައިނިން މަރުޙަލާގައިވާ މާލެ އަދި ވިލިމާލޭގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެއެވެ. އަދި ރަށްރަށުގެ ކައުންސިލް އިދާރާތައް އުމާރާތްކުރުމުގެ މަޝްރޫއުގެ ހުއްދަތައް ވެސް މިއަހަރު ނިމުމުގެ ކުރިން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
24 ސެޕްޓެމްބަރު 2026: ޗައިނާގެ ސަފީރާއި ފިނޭންސް މިނިސްޓަރު ޒަރީރު ބައިވެރިވެވަޑައިގެން ޚާއްސަ ކޭކު ފެޅުން -- ފޮޓޯ: ރައީސް އޮފީސްހަމައެއާއެކު، ދާދިފަހުން ސިނަމާލެ ބްރިޖުގައި އުޅަނދެއް ޖެހި ހިނގި ހާދިސާއަށްފަހު، ޗައިނާގެ އިންޖިނިއަރުން ކުރި ދިރާސާތަކުން ބްރިޖުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، ބްރިޖް ބެލެހެއްޓުމުގައި ދިވެހި އިންޖިނިއަރުންނާއެކު ޗައިނާގެ ހިލޭ އެހީގެ ދަށުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު 15 އާ ހަމައަށް 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް އިންވެސްޓްމަންޓް ފުރުޞަތުތައް ފަހިކުރުމަށްޓަކައި އަންނަ އޮކްޓޫބަރު މަހު "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ.