ލޮނާއި ކާބަންޑައިއޮކްސައިޑް ބޭނުންކޮށްގެން ހަކަތަ އުފައްދާ ކާރުޚާނާއެއް ޗައިނާއިން ބިނާކުރަނީ

ޗައިނާ ހޫއަނެންގްސްގައި ކުރިއަށް ގެންދާ ރޫއިޓަން ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓް -- ފޮޓޯ: ޒިންހުއާ

ޗައިނާގެ ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކަރަންޓު ކުންފުނި ކަމަށްވާ ޗައިނާ ހުއާނެންގް އިން، ދިޔާ ލޮނު (މޮލްޓެން ސޯލްޓް) އަދި ކާބަންޑައިއޮކްސައިޑް ބޭނުންކޮށްގެން ހަކަތަ އުފައްދާ ޚާއްސަ ކާރުޚާނާއެއް ބިނާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސެޕްޓެމްބަރު 16 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ޔަންތައިގައިވާ ބަޖިއާއޯ ޕަވަޕްލާންޓުގައި ކުރިއަށްދާ "ރުއިތަން ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓް" އެވެ. އަންނަ އަހަރު ޚިދުމަތް ދޭން ފެށުމަށް އަމާޒުހިފާފައިވާ މި ކާރުޚާނާއަކީ ބޭނުންކޮށް އިތުރުވާ ކަރަންޓު ހޫނުގެ ގޮތުގައި ދިޔާ ލޮނުގައި ރައްކާކޮށް، އާވީގެ ބަދަލުގައި ކާބަންޑައިއޮކްސައިޑް ބޭނުންކޮށްގެން ޓާބައިން އެނބުރުވައިގެން ކަރަންޓު އުފެއްދުމަށް ތައްޔާރުކުރެވޭ ތަނެކެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 50 މެގަވޯޓުގެ ސުޕަކްރިޓިކަލް ކާބަންޑައިއޮކްސައިޑް ޖެނެރޭޓިންގް ޔުނިޓަކާއި 100 މެގަވޯޓު/400 މެގަވޯޓު އަވަރުގެ ދިޔާ ލޮނު ރައްކާކުރާ ސިސްޓަމެކެވެ. މި ސިސްޓަމް އޮޕަރޭޝަނަށް އައުމުން ވެގެންދާނީ މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ދުނިޔޭގައި ހިންގާ އެންމެ ބޮޑު ވިޔަފާރި އުސޫލުން ހަކަތަ އުފައްދާ ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓަށެވެ.

https://sun.mv/227940

މި ސިސްޓަމް މަސައްކަތްކުރާ ގޮތަށް ބަލާއިރު، ކަރަންޓަށް އޮންނަ ޑިމާންޑް ދަށްވާ ވަގުތުތަކުގައި، ކޮއިލް އަންދައިގެން ހަކަތަ އުފައްދާ ޔުނިޓުތަކުން އިތުރުވާ ކަރަންޓު ބޭނުންކޮށްގެން ދިޔާ ލޮނު 560 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެއެވެ. އަދި ކަރަންޓުގެ ޑިމާންޑް އެންމެ މަތިވާ ވަގުތުތަކުގައި (ޕީކް އަވަރސް)، އެ ހޫނު ލޮނު ބޭނުންކޮށްގެން ކާބަންޑައިއޮކްސައިޑް ހޫނުކޮށް، ޓާބައިން އެނބުރުވުމުގެ އިތުރުން ބޭރުގެ ބޭނުންތަކަށް ފެން އާވިއަށް ބަދަލުކޮށްދެއެވެ. މީގެ ސަބަބުން ގްރިޑަށް ފޮނުވާ ކަރަންޓުގެ މިންވަރު މަދުކުރި ނަމަވެސް ބޭނުންވާ ހޫނު ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިގެންދެއެވެ.

އާންމުކޮށް ޕަވަޕްލާންޓްތަކުގައި ޓާބައިން އެނބުރުވުމަށް ބޭނުންކުރާ ފެން އާވީގެ ބަދަލުގައި ސުޕަރކްރިޓިކަލް ކާބަންޑައިއޮކްސައިޑް ބޭނުންކުރަނީ 31 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީ އުޝްނޮތާމިނެއްގައި އަދި 73 އެޓްމޮސްފިއާގެ ޕްރެޝަރުގައެވެ. މި ހާލަތުގައި ކާބަންޑައިއޮކްސައިޑް ހުންނަނީ ދިޔާ އެއްޗެއްގެ އޮލަކަމާއެކު، ގޭހެއްގެ ގޮތުގައި ދައުރުވާ ގޮތަށެވެ. މީގެ ސަބަބުން ކާރުޚާނާގެ ސައިޒު ކުޑަވެ، ފެން ބޭނުންކުރަން ނުޖެހި، އާންމު އާވީގެ ސިސްޓަމްތަކަށް ވުރެ ތިން އިންސައްތައާއި ފަސް އިންސައްތައާ ދެމެދުގެ މިންވަރަކަށް ހަކަތަ އުފެއްދުމުގެ ކުޅަދާނަކަން އިތުރުވެއެވެ. އަދި މިއީ ކަރަންޓު އުފައްދާ މިންވަރު ޒީރޯއިން ފެށިގެން އެންމެ މައްޗަށް ބަދަލުކޮށްލުމަށް އާންމު ކޮއިލް ޕްލާންޓްތަކަށް ވުރެ ހަތަރު ގުނަ އަވަސް ނިޒާމެކެވެ.

ޗައިނާއިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގުއިޒޯ ޕްރޮވިންސްގައި އެ ގައުމުގެ ފުރަތަމަ ކޮމާޝަލް ސުޕަކްރިޓިކަލް ކާބަންޑައިއޮކްސައިޑް ޕްލާންޓް "ޗާއޯތަން ވަން" އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެ އިތުރުން ޗައިނާ ނޭޝަނަލް ނިއުކްލިއާ ކޯޕަރޭޝަން (ސީއެންއެންސީ) އިން ވެސް ދިޔާ ލޮނާއި ސުޕަކްރިޓިކަލް ކާބަންޑައިއޮކްސައިޑް އެއްކޮށްގެން ހަކަތަ އުފައްދާ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ރާވަމުންދެއެވެ. ދިޔާ ލޮނު ބޭނުންކޮށްގެން ހޫނުގެ ގޮތުގައި ހަކަތަ ރައްކާކުރުމަކީ ކެމިކަލް ބެޓެރިތަކަށް ވުރެ އަގުހެޔޮ އަދި ބޮޑެތި މަޝްރޫއުތަކަށް މާ ފަސޭހައިން ބޭނުންކުރެވޭނެ ނިޒާމެކެވެ.

comment ކޮމެންޓް