ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޢަބްދުއްނާފިޢު ޢީސާ ކިޔާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 15 އަހަރުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ޢަބްދުއްނާފިޢު ޢީސާގެ މައްޗަށް މި ކުށް ސާބިތުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން އެ މާއްދާގެ (ށ) އާ ހަވާލާދީ، އޭނާ 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ކުޑަކުދިންގެ މަސްލަހަތާއި ރައްކާތެރިކަން ހިމެނޭ މައްސަލަތަކަށްވާތީ، އަނިޔާލިބޭ ކުދިންގެ އައިޑެންޓިޓީ ހިމާޔަތްކުރުމުގެ ގޮތުން މައްސަލައިގެ އިތުރު ތަފްސީލުތައް އާންމެއް ނުކުރެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަނިޔާކުރުމުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ދަނީ ގާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި އަދަބުތައް ކަނޑައަޅަމުންނެވެ. އެގޮތުން މިފަހުން ހުކުމް ކުރެވުނު އެހެން ބައެއް މައްސަލަތަކަށް ބަލާއިރު، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އެ މައްސަލައިގައި ދައުވާ ލިބުނު މީހާ، 16 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
އަދި ހަމަ އެފަދަ އެހެން މައްސަލައެއްގައި، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގިކަން ސާބިތުވެ، މީހަކު 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މި ފަހުން ހުކުމްކޮށްފައެވެ. މީގެ އިތުރުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގައި އިތުރު މީހަކު 10 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އިންސާފު ގާއިމުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ހާއްސަ އިސްކަމެއް ދެމުންދެއެވެ.