ދައުލަތުގެ ވަކީލުން ބަލިވުމުން، ފުއްގިރި މައްސަލައިގައި ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވުން -- ސަން ފައިލް ފޮޓޯ/ މޫސާ ނަދީމް

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

މި މަހުގެ 17ވަނަ ދުވަހު ޔާމީނަށް އެ ކޯޓުން ފޮނުވި ޗިޓުގައި ވަނީ، މާދަމާ ހެނދުނު 9:15އަށް ހާޒިރުވާން އަންގައިފައެވެ.

ނަމަވެސް އެ ކޯޓުން ބުނީ މާދަމާގެ އަޑުއެހުން ކެންސަލްކުރީ ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ އެމަޖެންސީގައި ރާއްޖޭން ބޭރަށް ދާން ޖެހުމުގެ ސަބަބުން މައްސަލަ ކެންސަލްކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ޔާމީނު ހާޒިރުކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން ކުށުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ ޑިސެންބަރު 25، 2022ގައެވެ. ނަމަވެސް ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.

އޭރު ހައިކޯޓުން ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ. އާރަށު މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރީ އައު ހެކިތައް ބަލައިގަތުމަށް ފަހެވެ.

އެކަމަކު އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހެވެ.

އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ނިމުނު ނަމަވެސް، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.

comment ކޮމެންޓް