އެއްބާރުލުން ދިނުމަށް ޕާކިސްތާނާއި ރާއްޖޭގެ މަޖިލީހުން މަޝްވަރާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވައި، ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ޕީއެންސީގެ ވަފުދަކުން ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ސާދިގާ އިސްލާމްއާބާދުގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހި ވަފުދަށް މަރުހަބާ ވިދާޅުވީ ނޭޝަނަލް އެސެމްބްލީގެ ރައީސް އަޔާޒް ސާދިގެވެ. މި ދަތުރުފުޅުގައި ޕީއެންސީގެ މަޖިލިސް 16 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ހާއްސަކޮށް ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ކަމަށް ޕާކިސްތާނުގެ މީޑިއާތައް ބުނެއެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ބިޒްނަސް ރިކޯޑާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޭޝަނަލް އެސެމްބްލީގެ ރައީސް އަޔާޒް ސާދިގު ވިދާޅުވީ ދިވެހި ވަފުދުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައިވާ ގުޅުން ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޕާކިސްތާނުން ރާއްޖެއާއެކު އޮންނަ ޒަމާންވީ އެކުވެރި ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށާއި، ޕާލަމެންޓަރީ ދާއިރާއިން އެއްބާރުލުން ފުޅާކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ބޭއްވި ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން ކޮންފަރެންސްގައި ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ދެއްވި އެއްބާރުލުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއިން ވެސް ޕާކިސްތާނާއެކު އޮންނަ ގުޅުމަށް އިސްކަންދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޕާކިސްތާނަށް ވަޑައިގަތުމުން ދިވެހި ވަފުދަށް ކީ ހޫނު މަރުހަބާއަށް ވެސް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނާއި ރާއްޖޭގެ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި އަދާކުރާ ދައުރު އަޔާޒް ސާދިގު ފާހަގަކުރެއްވިއެވެ.

ދިވެހި ވަފުދުން ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ނޭޝަނަލް އެސެމްބްލީގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް