ދައުލަތުން އެދުނު ގޮތަށް، ބައިލައްކަ ޑޮލަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ބައި ލައްކައެއްހާ ޑޮލަރު، އެޓާނީ ޖެނެރަލްގެ އޮފީހަށް ދައްކަން، ފްރީނެޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު، ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ އޭޖީ އޮފީހާއި ފްރީ ނެޓްއާ ދެމެދު ކޭސް މެނޭޖްމަންޓް ސޮފްޓްވެއާއެއް ތައްޔާރުކުރުމަށް ވި އެއްބަސްވުމުގެ ދަށުން، އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސޮފްޓްވެއާ ތައްޔާރުކޮށްފައި ނުވާތީ، އެ ސޮފްޓްވެއާއަށް ޚަރަދުވި 53,826 ޑޮލަރު އެކީ އެއްފަހަރާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައެކެވެ.

މި މައްސަލައިގައި އޭޖީ އޮފީހަށް ޑޮލަރު ދައްކަން އެ ކުންފުންޏަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކުރީ އެ ކުންފުނިންނެވެ. ސިވިލް ކޯޓުން މި އަހަރުގެ މާޗު ހަތަރުވަނަ ދުވަހު ނިންމެވީ އެއްބަސްވުމާ އެއްގޮތަށް ސޮފްޓްވެއާގެ މަސައްކަތް ނިންމާފައިވާކަން ސާބިތުނުވާތީ، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާޞްކުރުމަށް ފްރީ ނެޓްގެ މައްޗަށް އަމުރުކޮށެވެ.

އޭޖީ އޮފީހަށް 53,000 އަށްވުރެ ގިނަ ޑޮލަރު ދައްކަން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގައި ދައުލަތުގެ އިޖުރާއީ އިޢުތިރާޟާއެކު، ހައިކޯޓުން މިއަދުވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.

ސިވިލް ކޯޓުގެ ހުކުމް ފްރީނެޓްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ، ދަށު ކޯޓުން މައްސަލަ ބެލިއިރު އެ ކުންފުނީގެ ފަރާތުން ހުށަހެޅި ޚަބީރުގެ ހެކިބަހަށް ގާޟީ ރަނގަޅަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި، ހެކިބަސް ވަޒަންކޮށްފައިވަނީ ސިޔާގު އޮޅޭގޮތަށް ކަމަށް ބުނެއެވެ. މި މައްސަލައިގައި ދައުލަތުން ވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅާފައެވެ.

ދައުލަތުގެ އިޢުތިރާޟުގައި ބުނެފައިވަނީ ފްރީނެޓުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނެ ފަދަ ޤާނޫނީ ބަހުސެއް ނުވަތަ އޮޅިގަނޑެއް ގިރާކުރާ ނުކުތާއެއް ނޫން ކަމެވެ. އަދި ދަށު ކޯޓުގެ ހުކުމުގައި ޚަބީރުގެ ހެކިބަހަށް ރިޢާޔަތްކޮށްފައިވާ ކަމާއި، ސޮފްޓްވެއާގެ އަސްލު ސްޕެސިފިކޭޝަންތަކަކީ ކޮބައިކަން ނުވަތަ ޓެސްޓުކުރެވުނީ ކްލަޔަންޓާ ހަވާލުކުރި ވާޝަންކަން ވެސް ޚަބީރަށް ސާފުވެފައިނެތްކަން އޭނާގެ ހެކިބަހުން ސާފުވާ ކަމެވެ.

ހައިކޯޓުން މި މައްސަލައިގައި މިއަދު ނިންމި އިޖުރާއީ ނިންމުމުގައި، ދެފަރާތުގެ ހުށަހެޅުންތަކަށާއި ޚަބީރުގެ ހެކިބަހުގެ ލިޔުންތަކަށް މަތިމަތިން ނަޒަރަކުން ބެލުމަށްފަހު ވަނީ މައްސަލަ ބާތިލުކޮށްފައެވެ. މައްސަލަ ބާތިލު ކުރީ އެކަމަކު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ މެޖޯރިޓީންނެވެ. އެއީ، ފަނޑިޔާރު ދީބާނާޒް ފަހުމީ، އަދި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔެވެ. ބެންޗުގައި ދެން ހިމެނޭ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުންﷲގެ ރައުޔަކީ ދައުލަތުގެ އިޖުރާއީ އިއުތިރާޒު ބަލައި ނުގަތުމެވެ.

comment ކޮމެންޓް