ކައްޗަލަ 10.95 ޓަނުގެ ކޯޓާއެއްގެ ދަށުން އެކްސްޕޯޓްކުރަން ހުޅުވާލައިފި

ހުއިފިލަނޑާ: -- ފޮޓޯ/ ޕީއެސްއެމް

ދިވެހިރާއްޖެއިން ބޭރުކުރާ ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ކައްޗަލަ (އެމްބާފިޝް، ތެލެނޯޓާ އެނެކްސް) 10.95 ޓަނުގެ ކޯޓާއެއްގެ ދަށުން އެކްސްޕޯޓްކުރަން ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ކައްޗަލައަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ވެލިގަނޑުމަތީގައި އުޅޭ، ސައިޒުން ބޮޑު ހުއިފިލަނޑާގެ ބާވަތެކެވެ. މި ބާވަތް އެކްސްޕޯޓްކުރުމަށް ހުޅުވާލާފައިވަނީ 12 މަސްދުވަހުގެ މުއްދަތަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި ކޯޓާ ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލަ އެކްސްޕޯޓްކުރުމަށެވެ. އަދި މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ކައްޗަލަ އެކްސްޕޯޓްކުރުމަށް ބޭނުންވާ ސައިޓީސް ޕާމިޓް ދޫކުރާނީ މި ކޯޓާގެ ތެރެއިންނެވެ. މި ޕާމިޓް ދޫކުރާނީ އެ މިނިސްޓްރީން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ހުއިފިލަނޑާ ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން، ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އާންމުކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މި އުސޫލުގެ ދަށުން ޕާމިޓް ދޫކުރާނީ ޝަރުތުހަމަވާ ފަރާތްތަކަށް އެކަނި ކަމަށާއި، މިކަމުގެ ސަބަބުން ކައްޗަލައިގެ ވިޔަފާރި ވަކި އުސޫލެއްގެ ތެރެއިން ކޮންޓްރޯލް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ކައްޗަލަ (އެމްބާފިޝް، ތެލެނޯޓާ އެނެކްސް)

ސައިޓީސް މުއާހަދާގެ ޖަދުވަލު ދޭއް ގައި ހިމެނޭ ބާވަތްތައް އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމަށް، އެކްސްޕޯޓްކުރާ ގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ޕާމިޓެއް ބޭނުންވެއެވެ. ވިޔަފާރި އުސޫލުން ކައްޗަލަ އެކްސްޕޯޓްކުރުމަށް މި ޕާމިޓް ދޫކުރަނީ، އެކްސްޕޯޓްކުރާ މިންވަރަކީ އެ ބާވަތުގެ އާބާދީއަށް ގެއްލުންނުވާނެ މިންވަރެއްކަން ކަށަވަރުކުރުމަށްފަހުގައެވެ. އެގޮތުން، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ ކައްޗަލައިގެ މަސްވެރިކަމުގެ "ނޮން-ޑެޓްރިމަންޓަލް ފައިންޑިން" (އެންޑީއެފް) ތައްޔާރުކޮށްފައެވެ.

މި އެންޑީއެފްގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި ކައްޗަލަ ނެގޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި، އެ މައުލޫމާތު ފިޝަރީޒް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކައްޗަލައަކީ ނޮވެންބަރު 2022 ގައި ބޭއްވި ސައިޓީސް މުއާހަދާގެ 19 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 19) ގައި އެ މުއާހަދާގެ ޖަދުވަލު ދޭއް ގައި ހިމެނި ބާވަތެކެވެ. މި ބާވަތް ޖަދުވަލު ދޭއް ގައި ހިމެނުމާ ގުޅިގެން، އެކަމަށް ތައްޔާރުވުމަށް 18 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އެ މުއްދަތު ހަމަވުމަށްފަހު، 25 މޭ 2024 އިން ފެށިގެން ކައްޗަލަ އެކްސްޕޯޓްކުރެވެނީ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޕާމިޓަކާއެކުގައެވެ.

ސައިޓީސް މުއާހަދާގެ މައިގަނޑު މަގުސަދަކީ ދުނިޔޭގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ވިޔަފާރި ކޮންޓްރޯލްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މަގުފަހިކުރުމެވެ. މި އުސޫލުގެ ދަށުން ކޯޓާ ކަނޑައެޅުމުން، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކައްޗަލައިގެ އާބާދީ ހިމާޔަތްކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް