މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ ހަ ޕަސެންޓު ދަށްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި 328 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ އަދަދު ހުރީ 350 މިލިއަން ޑޮލަރުގައެވެ.
އެހެންވެ، މި އަހަރުގެ ދެވަނަ ކުއާޓަރުގައި މި ވަނީ، ޑޮލަރުން ލިބުނު އާމްދަނީ ހަ ޕަސެންޓު ދަށްވެފައެވެ.
މީރާއިން ބުނީ، މި ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ ދަށްވީ، ރާއްޖެއަށް އައި ފަތުރުވެރިން މަދުވެ، އެ ދާއިރާއަށް ލިބުނު އާމްދަނީ މަދުވުމުންނެވެ.
މަހުން މަހަށް ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހާއި މެއި މަހުވެސް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން، އޭޕްރީލް މަހުގައި ޑޮލަރުން ލިބުނު އާމްދަނީ ފަސް ޕަސެންޓު ދަށްވިއިރު، ޖެހިގެން އައި މަހު 15 ޕަސެންޓު ދަށްވިއެވެ. އެކަމަކު، ޖޫން މަހު ވަނީ، 0.8 ޕަސެންޓުގެ ކުޑަ ކުރިއެރުމެއް އައިސްފައެވެ.
ފަތުރުވެރިންތަކެއް ރާއްޖޭގައި -- ފޮޓޯ/ ޓްރެވެލް ޕްލަސް ލީޝާ އޭޝިއާތަފާސްހިސާބުތަކަށް ބަލާއިރު، ޑޮލަރުން އެންމެ ގިނައިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީ ލިބުނީ ޓީޖީއެސްޓީންނެވެ. އެއީ، އާމްދަނީގެ 49 އިންސައްތަ 161.1 މިލިއަން ޑޮލަރެވެ. ރިސޯޓުތަކުގެ ކުލިން 35 މިލިއަން ޑޮލަރު ލިބުނުއިރު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 31.8މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މީގެއިތުރުން، ގްރީންޓެކްސްއިން 31 މިލިއަން ޑޮލަރު ލިބުނުއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން 29 މިލިއަން ލިބުނެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 38 މިލިއަން މީރާއަށް ބަލައިގަތެވެ.
ޑޮލަރު އާމްދަނީ ދަށްވިއިރު، ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމެން އަންނަތާ މަސްތަކެއް ވަނީ ވެފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގު އުފުލެއެވެ. އަދި ގައުމުގެ ދަރަނި ބޮޑުވުމުންނާއި، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރަށް އަރަމުން އަންނަ ލޮޅުންތަކުން ވެސް ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުންދެއެވެ.
މިދިޔަ ފެބުރުވަރީ މަހު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ހުރަސްއެޅި، ފަތުރުވެރިން މަދުވުމުގެ އަސަރު ވެސް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ގެނެސްދޭ ސިނާއަތަށް ކުރާނެ ކަމުގެ ކަންބޮޑުވުން އޮތީ އުފެދިފައެވެ.