އޭޓީއެމް ނިންމާލީ ގުޅުންތައް ބަދަހިކޮށް، ފަތުރުވެރިކަން ކުރިއެރުވުމުގެ އާ ފުރުސަތުތަކާއެކު: ވިޒިޓް މޯލްޑިވްސް

ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2026 ގައި ބައިވެރިވުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ނިންމާލައިފިއެވެ.

ވީއެމްސީން ބުނި ގޮތުގައި، މިއީ މިއަހަރު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ފެއާއެއްގައި ބައިވެރިވި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ވަފުދެވެ. މި ވަފުދުގައި ފަތުރުވެރިކަމުގެ ދާއިރާގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވިއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގައި ހުންނަ ދިވެހި އެމްބަސީގެ މަންދޫބުން ވެސް މި ފެއާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފެއާގެ ތެރެއިން ވީއެމްސީން ވަނީ ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން އެމިރޭޓްސް އަދި ގަތަރު އެއާވޭސްއާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮށްފައެވެ. އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، މިއީ މަންޒިލް އިޝްތިހާރުކުރުމާއި، ޓްރެވަލް ޓްރޭޑްގެ ހަރަކާތްތަކާއި، މުހިންމު މާކެޓުތަކުގައި ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމުގައި އެއްބާރުލުން ދިނުމަށް އެކުލަވާލި އެއްބަސްވުންތަކެކެވެ. ގަތަރު އެއާވޭސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އޮކްޓޯބަރު މަހުން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޖާގަ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭޓީއެމް ފެއާގައި ރާއްޖެ އިސްތިހާރު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ފެއާގައި، ރާއްޖޭގެ ވަފުދުން ވަނީ އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއެކު ބީ2ބީ ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި މާކެޓުތައް ފުޅާކުރުމަށެވެ. އަދި ޖީސީސީ މާކެޓަށް އަމާޒުކޮށްގެން ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި، ޑައިވިންގ، ވެލްނެސް އަދި އާއިލީ ދަތުރުތައް ފަދަ ކަންކަން އިޝްތިހާރުކުރުމަށް އިސްކަންދީފައިވާ ކަމަށް ވީއެމްސީން ބުންޏެވެ.

ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރު ވިދާޅުވި ގޮތުގައި، އޭޓީއެމް 2026 ވެގެންދިޔައީ ފަތުރުވެރިންގެ ބޭނުންތަކާއި ޝައުގުވެރިކަމަށް އަންނަ ބަދަލުތައް ދެނެގަނެ، ރާއްޖެއަށް އޮންނަ ޝައުގުވެރިކަން ހަގީގީ ދަތުރުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދޭ ގުޅުންތައް ވަރުގަދަކުރުމަށް ލިބުނު މުހިންމު ފުރުސަތަކަށެވެ.

"ރާއްޖެ މަޝްހޫރުވެފައިވާ ޕްރީމިއަމް ފެންވަރު ދަމަހައްޓައި، މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމުގެ ދާއިރާ ފުޅާކޮށް، ދަތުރުފަތުރުގެ ގުޅުންތައް ރަނގަޅުކޮށް، އަދި މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ރާއްޖެއިން ދެމިއޮންނާނެއެވެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފެއާގެ ތެރެއިން "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ މިސްރާބު ތައާރަފުކޮށްފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. މިއީ މުޅި އަހަރު ދުވަހަށް ބަހާލައިގެން ބައިނަލްއަގުވާމީ މާކެޓުތަކާ އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޖުރިބާކުރެވެން ހުރި ތަފާތު ކަންކަން ދައްކުވައިދިނުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަން ފާހަގަކޮށް ވީއެމްސީން ބުނީ، ހާއްސަކޮށް ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަކީ އިތުރު ކުރިއެރުމަށް ފުރުސަތުތަކެއް އޮތް ދެ ގައުމު ކަމަށެވެ. ފެއާގެ ތެރެއިން އުފެދުނު ގުޅުންތައް އިތުރަށް ބަދަހިކޮށް، މިހާރު ހުރި މާކެޓުތަކާއި އަލަށް އުފެދެމުން އަންނަ މާކެޓުތަކުގައި ރާއްޖެއަށް އޮތް ޑިމާންޑް ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް