ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ.
އަންވަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާއަށް އިޖާބަދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، އެ ފެސިލިޓީ ދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަމަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން އުސޫލެއްގެ ގޮތުން މިހާރު ވަނީ އެއްބަސްވެފައި. މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި، ދެ މަރުކަޒީ ބޭންކުންވެސް އެންމެ އަވަސް ދުވެއްޔެއްގައި މީގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަންޖެހޭނެ. އަދި މިއީ ހަމައެކަނި އިތުބާރާއި ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަމެއް،" އަންވަރު ވިދާޅުވިއެވެ.
މީގެއިތުރުން، މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ނިންމުމަށް ޓަކައި، ބޭންކް ނެގާރާ މެލޭޝިއާ އާއި އެމްއެމްއޭ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި އެކަމުގެ އިންތިޒާމުތައް އެންމެ އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން މި އަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ބޭއްވުމަށާއި، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ވިސާގެ ދަތިތައް ހައްލުކުރުމާއި، ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައިވާކަމަށް އަންވަރު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ތެޔޮ ނުވަތަ މިނަރަލް ހޯދުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަން ހޯދުމަށް ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.
މީގެއިތުރުން، ފަލަސްތީނުގެ މައްސަލައިގައި ދެ ޤައުމުގެ ޚާރިޖީ ސިޔާސަތު އެއްގޮތްކަން ފާހަގަކުރައްވައި، ޣައްޒާގެ ރައްޔިތުންގެ ހައްގުގައްޔާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސްޓޭންޑަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ތައުރީފުކުރައްވާފައެވެ.