ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026ގައި ބައިވެރިވުމަށް ރަޖިސްޓާކުރުމުގެ ފުރުސަތު މި މަހުގެ 30ގެ ނިޔަލަށް ހަމަވާކަން ދިރާގުން ހަނދާންކޮށްދީފިއެވެ.
ދިރާގުގެ ރޯޑް ރޭހުގައި ބައިވެރިވެވެނީ 4000 ބައިވެރިންނަށް ކަމުން، މި ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ކުރިމަތިލާ 4،000 މީހުންނަށެވެ.
މި އަހަރު ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 20ވާ ހުކުރު ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އަހަރުގެ ދުވުމުގެ ހާފް މެރަތަން، 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު އަދި މުޅިން އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތަކުގައި dmrr.dhiraagu.com.mv މެދުވެރިކޮށް ރަޖިސްޓާކުރެވޭނެއެވެ.
މުޅިން އަލަށް ތައާރަފުކޮށްފައިވާ، ހަތަރު ޓީމު ކެޓަގަރީގެ ތެރޭގައި ކޯޕަރޭޓް ޓީމް، ރިޒޯޓް ޓީމް، ރަނިން ކްލަބްސް އަދި ކޮލެޖް/ޔުނިވާސިޓީ ކެޓަގަރީ ހިމެނެއެވެ. މީގެން ކޮންމެ ކެޓަގަރީއެއްގައި ވެސް ހަތަރު ދުވުންތެރިންގެ ޓީމުތަކުން ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 296,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.
އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރްއާރް 2026އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެކަން ދިރާގުން ފާހަގަކުރެއެވެ.
ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ.
މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެއެވެ.