ބިދޭސީ މަސައްކަތްތެރިންގެ ނަމުގައި ވީ އެންމެ އަވަހަށް ބެންކު އެކައުންޓު ހުޅުވަން އަންގައިފި

ބިދޭސީ މަސައްކަތްތެރިންތަކެއް: ބިދޭސީ މަސައްކަތްތެރިންގެ ނަމުގައި ވީ އެންމެ އަވަހަށް ބެންކު އެކައުންޓު ހުޅުވަން ވަނީ އަންގާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބިދޭސީ މަސައްކަތްތެރިންގެ ނަމުގައި ވީ އެންމެ އަވަހަށް ބެންކު އެކައުންޓު ހުޅުވުމަށް ވަޒީފާދޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް މިދިޔަ މަހު 25ގައި ގެނައި އިސްލާހެއްގައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފައެވެ.

އެ ގަވައިދަށް ގެނައި އިސްލާހު ބުނާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ޖަމާކުރަން ޖެހޭނީ، މަރުކަޒީ ބެންކު (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެ މުވައްޒަފެއްގެ ބެންކު އެކައުންޓަށެވެ.

https://sun.mv/226510

މި އިސްލާހާ ގުޅުވައި މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ވަޒީފާދޭ މީހުންގެ ދަށުން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީ އެންމެ އަވަހަށް ބެންކު އެކައުންޓު ހުޅުވަން އިލްތިމާސްކޮށްފައެވެ.

ބިދޭސީ މަސައްކަތްތެރިންތަކެއް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މީގެއިތުރުން، ލޭބަ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި މުވައްޒަފަށް މުސާރަ ދީފައިވާ ކަމަށް ބެލެވޭނީ، އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ މުވައްޒަފެއްގެ ބެންކު އެކައުންޓަށް މުސާރަ ޖަމާކޮށްގެން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ކުރި އިތުރު އިއުލާނެއްގައި ވަނީ، ބައެއް ވިޔަފާރިތަކުން ވޯކް ޕާމިޓު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށް ފަހު، ވޯކް ވިސާއަށް ބަދަލުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އުސޫލު އިތުރަށް ހަރުދަނާކުރުމަށް މާދަމާއިން ފެށިގެން ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ބަދަލުނުވެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރާއިރު، އެ މީހުންގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ މީހުން މަދެއް ނޫނެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://sun.mv/221461

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް ގާނޫނުން ލާޒިމް ކުރީ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަނީ ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވައިފައިވާ ފައިސާގެ އަދަދު 167.6 މިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް