ހުޅުމާލޭން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު، 29 ފުޅި ބަނގުރަލާއެކު އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ، އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ހުޅުމާލެ ކޮރަލް ސީ9 ކައިރިން، ތުޝާރު ގާޒީ (22އ) އާއި، ނޮބީ ނޫރް (30އ) އެވެ.
އެ ދެ މީހުން ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 29 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން ދެ މީހުންގެ މައްޗަށް ވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފަހަކަަށް އައިސް، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ގަވައިދާ ޚިލާފަށް ބައެއް ބިދޭސީން އުޅޭ ކަމުގެ ކަންބޮޑުވުން އޮވެއެވެ.