ކޮންމެ މީހަކަށް 5،000 ޑޮލަރު ދިނުމަކީ ބަޖެޓަށް ފަސޭހަ ކަމެއް: ޓްރަމްޕް

ޓްރަމްޕް

ކުރިއަށް އޮތް އިންތިޚާބުގައި އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީއަށް ލިބިއްޖެ ނަމަ، އެ ގައުމުގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދިނުމަށް ވެފައިވާ ވައުދު ފުއްދުމަކީ ފަސޭހަ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަޔަލޭންޑްގެ ޑޫންބެގްގައި ހުންނަ އޭނާގެ ގޮލްފް ކްލަބްގައި އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރިޕަބްލިކަން ޕާޓީއަށް ކާމިޔާބުވެއްޖެ ނަމަ އެކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި އެމެރިކާއަށް މިހާރު ވެސް ޓްރިލިއަނުން ފައިސާ ވަންނަމުންދާ ކަމަށާއި، އެހެންކަމުން މި ފައިސާ ދިނުމުގެ ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ މީހަކަށް 5،000 ޑޮލަރު ދިނުމުގެ ހިޔާލު ޓްރަމްޕް އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ ހަފުތާގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަންގައެވެ.

https://www.sun.mv/227220

އެމެރިކާގައި ގާތްގަނޑަކަށް 270 މިލިއަން ބޮޑެތި މީހުން ތިބިއިރު، މި ވައުދު ފުއްދުމަށް 1.35 ޓްރިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

ނަމަވެސް މިފަދަ ފައިސާއެއް ދޫކުރުމަށް ކޮންގްރެސްގެ ރުހުން ބޭނުންވާނެ ކަމަށް ހައުސް ސްޕީކާ މައިކް ޖޯންސަން ވަނީ ފާހަގަކުރައްވާފައެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، މިކަމުގެ ތަފްސީލުތައް އަދި ދެނެގަންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ނިއުޔޯކް ތަމްސީލުކުރައްވާ ރިޕަބްލިކަން މެންބަރު މައިކް ލޯލާ ވެސް ވަނީ މި ހުށަހެޅުމަށް ސީދާ ތާއީދުކުރައްވަން ދެކޮޅުހައްދަވާފައެވެ. މިދިޔަ އަހަރު ރިޕަބްލިކަން ޕާޓީން “ވަން ބިގް ބިއުޓިފުލް ބިލް” ގެ ނަމުގައި ފާސްކުރި ޓެކްސް ކުޑަކުރުމުގެ ބިލަށް އިޝާރާތްކުރައްވައި ލޯލާ ވިދާޅުވީ، ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތްތަކަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ދަރަނި 4 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ޓްރަމްޕްގެ މި ހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހައުސް މައިނޯރިޓީ ލީޑާ ހަކީމް ޖެފްރީސް ވިދާޅުވީ މިއީ ސީރިއަސް ހުށަހެޅުމެއް ނޫން ކަމަށެވެ. އަދި މިޝިގަން ތަމްސީލުކުރައްވާ ޑިމޮކްރެޓް ސެނެޓަރ މެލޮރީ މެކްމޯރޯ ވިދާޅުވި ގޮތުގައި، ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ކޮންޓްރޯލް ލިބުނު ނަމަވެސް މި ފައިސާ ލިބޭނެ ކަމާމެދު ޝައްކެވެ.

އޭނާ ވަނީ އެފޯޑަބަލް ކެއަރ އެކްޓް (އޭސީއޭ) ގެ ދަށުން ލިބެންޖެހޭ 1،000 ޑޮލަރުގެ ސަބްސިޑީ ވެސް ކަނޑާލާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން 5،000 ޑޮލަރު ލިބޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ކޮންސިއުމާ ވޮޗްޑޮގް ޖަމާއަތެއް ކަމަށްވާ ޕަބްލިކް ސިޓިޒެންގެ ކޯ-ޕްރެޒިޑެންޓް ލީސާ ގިލްބަޓް ބުނި ގޮތުގައި، މިއީ ނޮވެންބަރު މަހު އޮންނަ އިންތިޚާބުގައި ވޯޓު ގަތުމަށް ކުރާ މަސައްކަތެކެވެ. އަދި މިއީ ފައިސާގެ ދަހިވެތިކަން ދައްކައިގެން ވޯޓު ހޯދުމަށް ކުރާ ކަމެއް ކަމަށާއި، މިއީ އެމެރިކާގެ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް