އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެމެރިކާ ސްޓޭޑިއަމް ޓުއާއިން، ރެޕް ލަވަކިޔުންތެރިޔާ މެކްލެމޯ އުނިކޮށްފިއެވެ.
މެކްލެމޯ ބުނި ގޮތުގައި އޭނާ ޓުއާއިން ބޭރުކުރީ މި މަހުގެ ކުރީކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އޮތް ޝޯއެއްގައި ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެންނެވެ.
އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ގްރެމީ އެވޯޑު ހާސިލުކޮށްފައިވާ މެކްލެމޯ ބުނީ، އެޑް ޝީރަންގެ "ލޫޕް" ޓުއާގައި އޭނާއަށް ޕަފޯމްނުކުރެވޭނެކަން އެމެރިކާގެ ގިނަ ސްޓޭޑިއަމްތަކަކުން ޓުއާ ޕްރޮމޯޓަރު ކަމަށްވާ މެސީނާ ޓުއަރިން ގްރޫޕަށް އަންގާފައިވާ ކަމަށެވެ. ފަލަސްތީނުގެ ހައްގުގައި އެތައް އަހަރެއް ވަންދެން ވަކާލާތުކުރަމުން އައި ނަމަވެސް، ކުއްލިއަކަށް އޭނާ ޓުއާއިން އުނިކުރީ ލިބިފައިވާ ބޮޑު ޕްލެޓްފޯމްގެ ސަބަބުން ކަމަށް މެކްލެމޯ ފާހަގަކުރިއެވެ.
"މިހާރު މިއީ މައްސަލައަކަށް ވީ ކީއްވެ؟ ސަބަބަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އާޓިސްޓާއެކު އެމެރިކާގެ އެންމެ ބޮޑެތި ސްޓޭޑިއަމްތަކުގައި އަހަރެން ސްޓޭޖު ހިއްސާކުރާތީ. ވަކި ވަރަކަށް ވުރެ ބޮޑަށް މީހުންނަށް ފޯރާ ހިސާބަށް ދިޔުމުން، 'ފްރީ ޕަލަސްޓައިން' ބުނުމަކީ މާ ބޮޑު ރިސްކަކަށް ވަނީ،" މެކްލެމޯ ބުންޏެވެ.
މީގެ އިތުރުން، އެޑް ޝީރަންއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށާއި، ނަމަވެސް އެކުވެރިކަމުގެ ސަބަބުން ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ އާންމުކޮށް ދެއްކުމަށް ހުރަސް ނޭޅޭނެ ކަމަށް އޭނާ ބުންޏެވެ.
މެކްލެމޯ މި މޭރުމުން ވާހަކަދެއްކީ މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޝޯއެއްގައި، އޭނާގެ ލަވަ "ހިންޑްސް ހޯލް" ހުށަހަޅައިދެމުންނެވެ. މި ލަވަ ޚާއްސަކޮށްފައިވަނީ އިސްރާއީލުން ޣައްޒާގައި ދިން ހަމަލާތަކެއްގައި އާއިލާއާއެކު މަރާލި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ހިންދު ރަޖަބަށެވެ. އެ ޝޯގައި ވާހަކަދައްކަމުން މެކްލެމޯ ބުނީ، އިސްރާއީލަށާއި ނަސްލީ ތަފާތުކުރުންތަކަށް ފާޑުކިޔުމަކީ އަދި ގަތުލުއާންމާ ދެކޮޅުހެދުމަކީ ޔަހޫދީންނަށް ފާޑުކިޔުން ނޫން ކަމަށެވެ. އަދި އޭނާގެ މެސެޖަކީ ސުލްހައާއި ލޯތްބަށް، އަދި ހުރިހާ އިންސާނުންނާ މެދުވެސް ކަރާމާތާއި އިހުތިރާމާއި ހަމަހަމަކަމާއެކު އަމަލުކުރުމަށް ގޮވާލާ މެސެޖެއް ކަމަށް އޭނާ ބުންޏެވެ.
"ތްރިފްޓް ޝޮޕް" އަދި "ކާންޓް ހޯލްޑް އަސް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ މެކްލެމޯ އަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާ ޓުއާއިން އުނިކޮށްފައިވާއިރު، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ.
ޓުއާއިން އުނިކުރުމާ ގުޅިގެން މެކްލެމޯ ބުނީ، އެ ބަސްތަކުގެ ސަބަބުން ސްޓޭޖު ގެއްލުނު ކަމުގައި ވިޔަސް، މީހުންގެ ސަމާލުކަން އަނެއްކާވެސް ފަލަސްތީނަށް ހުއްޓުނު ނަމަ، މިއީ އޭނާ މިހާތަނަށް ބައިވެރިވި އެންމެ ކާމިޔާބު ޓުއާ ކަމަށެވެ.