މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބަށް މާފުދިނުމުގެ ނިންމުން ފަސްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް މާފުދިނުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުން، އެ ގައުމުގެ ރަސްގެފާނު ސުލްތާން އިބްރާހީމް ފަސްކުރައްވައިފިއެވެ.

ބޮޑުވަޒީރުގެ އޮފީހުގެ ލީގަލް އެފެއާޒް ޑިވިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި މާފުދިނުމާ ބެހޭ ބޯޑުގެ ބައްދަލުވުމުގައި 65 ގައިދީއަކަށް ވަނީ މާފުދީފައެވެ. ނަމަވެސް، ނަޖީބުގެ ހުށަހެޅުމާ މެދު ގޮތެއް ނިންމުން ދެން އޮންނަ ބައްދަލުވުމަކަށް ފަސްކުރުމަށް ރަސްގެފާނު ވަނީ އަންގަވާފައެވެ.

މެލޭޝިއާގައި ރަސްގެފާނަކީ އާންމުގޮތެއްގައި ރަމްޒީ ދައުރެއް އަދާކުރައްވާ ބޭފުޅެއް ނަމަވެސް، ގާނޫނުއަސާސީގެ ދަށުން މާފުދިނުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންވެއެވެ.

މިއީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޖީބު، މާފުދިނުމަށް އެދިވަޑައިގެން ހުށަހެޅުއްވި ދެވަނަ ފަހަރެވެ. އޭނާ ޖަލަށް ލާފައިވަނީ، އޭނާގެ ވެރިކަމުގައި އުފެއްދި ދައުލަތުގެ ފަންޑު، ވަންއެމްޑީބީއާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އިއްވި ހުކުމަށް މެލޭޝިއާގެ ސުޕްރީމް ކޯޓުން ތާއީދުކުރުމާ ގުޅިގެންނެވެ. އެމެރިކާގެ ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި 4.5 ބިލިއަން ޑޮލަރުގެ މި ބޮޑު ހިޔާނާތުގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ނަޖީބާ ގުޅުންހުރި އެކައުންޓުތަކަށް ޖަމާކޮށްފައެވެ. ނަމަވެސް ނަޖީބު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، އޭނާއަކީ މި މައްސަލައިގައި ގުރުބާންކުރި މީހެއް ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން 2024 ވަނަ އަހަރު، އޭރުގެ ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި މާފުދިނުމާ ބެހޭ ބޯޑުން ވަނީ ނަޖީބުގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، ޖޫރިމަނާގެ އަދަދުވެސް ކުޑަކޮށްދީފައެވެ. އެ ނިންމުމުގެ ދަށުން ގޭބަންދަށް ބަދަލުކުރުން ހިމެނޭ ކަމަށް ނަޖީބު ވިދާޅުވި ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު، ވަންއެމްޑީބީގެ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިތުރު 15 އަހަރަށް ޖަލަށް ލުމާއެކު 2.8 ބިލިއަން ޑޮލަރުން އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ. ނަޖީބު ވަނީ މި ހުކުމް އިސްތިއުނާފުކުރައްވާފައެވެ.

އުމުރުފުޅުން 73 އަހަރުގެ ނަޖީބު މާފަށް އެދިވަޑައިގަތުމަކީ، މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިދާނެ ކަމެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޖަލުގައި ހުންނެވި ނަމަވެސް، 2009 އިން 2018 އަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބަކީ މެލޭޝިއާގެ ސިޔާސީ މަސްރަހުގައި އަދިވެސް ނުފޫޒުގަދަ ބޭފުޅެކެވެ.

ހާއްސަކޮށް އަންވަރުގެ ސަރުކާރުގައި ހިމެނޭ ބަރިސާން ނެޝަނަލް ކޯލިޝަން ލީޑުކުރާ ޔޫއެމްއެންއޯ ޕާޓީގައި އޭނާގެ ނުފޫޒު ބޮޑެވެ. ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާ މީހުން ހުކުމް ފުރިހަމަކުރަންޖެހޭނެ ކަމަށް ބުނެ އަންވަރުގެ ޕަކަޓާން ހަރަޕާން ކޯލިޝަނުން މި ހަފުތާގައި ނެރުނު ބަޔާނަކާ ގުޅިގެން، ޔޫއެމްއެންއޯ އިން ވަނީ އެ ކޯލިޝަނަށް ފާޑުކިޔާފައެވެ.

comment ކޮމެންޓް