މެލޭޝިއާގައި ހެލިކޮޕްޓަރެއް ވެއްޓި ސިއްހީ ޚިދުމަތްތެރިންތަކެއް މަރުވެއްޖެ

މެލޭޝިއާގެ ސަރަވާކްގެ އުތުރުގައި އޮންނަ އެކަހެރި ހިސާބުތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ދަތުރުކުރި "ފްލައިން ޑޮކްޓާ ސާވިސް" ގެ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ދަތުރުކުރި ފަސް މީހަކު މަރުވެއްޖެއެވެ.

އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ހެލިކޮޕްޓަރުގެ ޕައިލެޓާއި، ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ ހަތަރު މީހެކެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ މަރޫޑީ ޑިސްޓްރިކްޓްގައި އޮންނަ ލޯންގް ލެލަންގް ސްޓޯލްޕޯޓް (ކުރު ރާސްތާއަކުން ނައްޓާލައި އަދި ޖައްސާ އެއާޕޯޓް) ކައިރިއަށެވެ.

މިއީ އެކަހެރި އަދި އެއްގަމު މަގުން ދަތުރުފަތުރު ކުރުމަށް ދަތި ހިސާބުތަކުގައި ދިރިއުޅޭ އާންމުންނަށް ކްލިނިކަލް ހިދުމަތްތަކާއި ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާ ޓީމެކެވެ. ލޯންގް ލެލަންގް އަކީ އެންމެ ކައިރީގައި އޮންނަ ބޮޑު ސަހަރު ކަމަށްވާ މިރީއާ 310 ކިލޯމީޓަރު ދުރުގައި، އަދި ސަރަވާކްގެ ވެރިރަށް ކުޗިންގް އާ 930 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 3:40 ހާއިރުއެވެ. މިރީ އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ހެލިކޮޕްޓަރު ވެއްޓިފައިވަނީ ލޯންގް ލެލަންގް އެއާސްޓްރިޕްގެ ކޮޅަށެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެމް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ނޯރްއަޒްމާން މަހްމޫދު ވިދާޅުވި ގޮތުގައި، މި ހާދިސާ ތަހުގީގުކުރުމަށްޓަކައި އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) ގެ ޓީމެއް މިއަދު މިރީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަހުގީގު ޓީމުން އަންގާފައިވާ ގޮތުގެ މަތިން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ވަނީ ބަންދުކޮށް، އެތަނުގައިވާ ތަކެއްޗަށް އެއްވެސް ބަދަލެއް ނުގެނެސް ރައްކާތެރިކުރެވިފައެވެ.

ސަރަވާކްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައި ނުސާފުވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ދަތުރުކުރުމަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. އަދި އެއްގަމު މަގުން އެ ސަރަހައްދަށް ދިއުމަށް 10 ގަޑިއިރުގެ ދިގު ދަތުރެއް ކުރަންޖެހެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ. އަންވަރު ވިދާޅުވި ގޮތުގައި، މި ހިތާމަވެރި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން އެ އާއިލާތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް މައުލޫމާތު ހާމަކުރަންދެން، މި ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ނުދެއްކުމަށާއި އާއިލާތަކަށް ޖާގަ ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

މީގެ އިތުރުން، މެލޭޝިއާގެ ހެލްތު މިނިސްޓަރު ޒުލްކިފްލީ އަހުމަދު ވަނީ، މަރުވި ސިއްހީ ހިދުމަތްތެރިންނަކީ ރަސްމީ ޑިއުޓީގައި ހަރަކާތްތެރިވަމުންދިޔަ ބައެއްކަން ކަށަވަރުކޮށްދެއްވައިފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 31 އަހަރުގެ ޕައިލެޓް ކެޕްޓަން ޒައިނުލް އަފީގު ބީ ޝާމް އާއި، ކެލަންޓަންއަށް ނިސްބަތްވާ 32 އަހަރުގެ މެޑިކަލް އޮފިސަރު ޑރ. އައިނުލް ބަރާއަތު ކަމަރުއްދީންގެ އިތުރުން، އެސިސްޓެންޓް މެޑިކަލް އޮފިސަރު އެލެކްސަން އަޑިޓް އާއި ނަރުހުން ކަމަށްވާ ޑެބްރާ މޮސެޓް އަދި ޖެސީ ޕާޔާއެވެ.

ނޯރްއަޒްމާން ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތް ފުލުހުންގެ ބެލުމުގެ ދަށުން މިރީ ހޮސްޕިޓަލުގައި ދަނީ ކުރިއަށްނެވެ. މިގޮތުން، އާއިލާތަކުގެ ޑީއެންއޭއާ އަޅައި ބަލައިގެން ހަށިގަނޑުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފްލައިން ޑޮކްޓާ ސާވިސްއަކީ ސަރަވާކް ފަދަ ބޮޑެތި، ދަތުރުފަތުރުކުރަން އުނދަގޫ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ހިދުމަތެކެވެ. މި ހާދިސާގެ ތަހުގީގު ފެށުމަށްޓަކައި އޭއޭއައިބީގެ ޓީމު މިހާރު ވަނީ މިރީއަށް ގޮސްފައެވެ.

comment ކޮމެންޓް