އެޕަލްގެ އައު އުފެއްދުންތައް ދައްކާލުމަށް ބާއްވާ ހާއްސަ ހަރަކާތް "ސަޕްރައިޒް އެންޑް ޝައިން" އިވެންޓް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް، އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގެ ރީޓެއިލް ޑެމޯ ޔުނިޓުތަކެއް ކަމަށް ބެލެވޭ ވީޑިއޯއެއް އިންޓަނެޓުގައި ލީކުވެ އާންމުންގެ ސަމާލުކަން ހޯދައިފިއެވެ.
ދެކުނު ކޮރެއާގެ ބްލޮގިން ޕްލެޓްފޯމެއް ކަމަށްވާ ނޭވަ ގައި ޓިޕްސްޓާރެއް ހިއްސާކުރި މި ކުރު ވީޑިއޯއިން ފެންނަ ގޮތުގައި، މިފަހަރުގެ ޕްރޯ މޮޑެލްތަކުން މުޅިން އައު ކުލަތަކެއް ފެނިގެންދާނެއެވެ.
ގާތްގަނޑަކަށް 14 ސިކުންތުގެ މި ވީޑިއޯއިން ފެންނަނީ ފިހާރަތަކުގައި އާންމުންނަށް ދައްކާލަން ބަހައްޓާ ސްޓޭންޑުތަކެއްގެ މަތީގައި ހުރި ފޯނުތަކެކެވެ. އޭގެ ތެރޭގައި ގަދަ ރަތް ކުލައަކަށްދާ "ޑާކް ޗެރީ" ކުލައިގެ އައިފޯން 18 ޕްރޯ މެކްސް އެއް އަދި މަޑު ނޫކުލައެއްގެ އައިފޯން 18 ޕްރޯ އެއް ހިމެނެއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުން އަންނަ އައިފޯން 17 ޕްރޯ މެކްސްގެ ގަދަ ނޫކުލައިގެ ފޯނަކާ މި އައު މޮޑެލްތައް އަޅާކިޔާފައިވާއިރު، އައު ޑާކް ޗެރީ ކުލައިގެ ތަފާތު ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
ފަހަކަށް އައިސް ފެންމަތިވެފައިވާ ރިޕޯޓްތަކާއި ސިމް ޓްރޭތަކުގެ ފޮޓޯތަކުން ވެސް ދައްކާ ގޮތުގައި، މިފަހަރުގެ ޕްރޯ ސީރީޒްގައި މައިގަނޑު ގޮތެއްގައި ފެންނާނީ ޑާކް ޗެރީ، ސްކައި ބްލޫ އަދި ސިލްވާ ކުލައެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސިލްވާގެ ބަދަލުގައި ކަޅު ކުލަ ހިމެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މެކްވޯލްޑް އިން ބުނެފައިވަނީ އިވެންޓް ފެށެން ވަގުތު ކުޑަތަންވެފައިވުމުން، ފިހާރަތަކަށް ޑިސްޕްލޭ ޔުނިޓުތައް ލިބެން ފަށާފައިވާނެތީ މިއީ އަސްލު ފޯނުތަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އާންމުވެފައިވާ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، އައިފޯން 18 ޕްރޯގައި ހިމެނެނީ 6.90 އިންޗީގެ ޑިސްޕްލޭއެކެވެ. އަދި އައިފޯން 18 ޕްރޯ މެކްސްގައި 6.30 އިންޗީގެ ސްކްރީނެއް ހިމެނޭއިރު، ދެ ފޯނުގައިވެސް ބޭނުންކުރަނީ އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޯ ޕްރޮސެސަރެވެ.
މީގެ އިތުރުން 12 ޖީބީގެ ރެމް، 256 ޖީބީގެ ސްޓޯރޭޖް، 18 މެގަޕިކްސެލްގެ ކުރީ ކެމެރާ އަދި ފަހަތުގައި 48 މެގަޕިކްސެލްގެ ތިން ކެމެރާ އެކުލެވިގެންވާނެ ކަމަށް ވަނީ ހާމަވެފައެވެ. މި ފޯނުތައް ހިންގާނީ އެޕަލްގެ އައު އޮޕަރޭޓިން ސިސްޓަމް ކަމަށްވާ އައިއޯއެސް 27 ގައެވެ.
އައިފޯން 18 ޕްރޯ މެކްސް ޑާކް ޗެރީ މޮޑެލް އަދި އައިފޯން 18 ޕްރޯ ބްލޫ ޑެމޯ ޔުނިޓް ކަމަށް ބެލެވޭ ފޮތޯތަކެއް ---އެޕަލްގެ މި ހަރަކާތުގައި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން، އެ ކުންފުނިން އަލަށް ނެރޭ ފަށްޖެހޭ ފޯނު "އައިފޯން އަލްޓްރާ" އަދި އެޕަލް ވޮޗް ސީރީޒް 11 ގެ އިތުރުން ހޯމްޕޮޑާއި އެޕަލް ޓީވީ 4ކޭގެ އައު މޮޑެލްތައް ދައްކާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުފެއްދުމުގެ އަގު ބޮޑުވުމުގެ ސަބަބުން މިފަހަރުގެ އައު ފޯނުތަކުގެ އަގު ކުރީގެ މޮޑެލްތަކަށް ވުރެ ބޮޑުތަނުން އުފުލިގެންދާނެއެވެ.