އެޕަލް ކުންފުނީގެ މާޖިންތައް މަތިކޮށް، އެޕް ސްޓޯރުން ގަވާއިދުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އެ ޕްލެޓްފޯމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ކުންފުނިން ރާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ބަދަލުތައް ގެންނަން ނިންމާފައި މިވަނީ އެޕަލްގެ މެނޭޖްމަންޓަށް މި މަހުގެ ކުރީކޮޅު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޕަލްގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމާ ޖޯން ޓާނަސް ވަނީ ހަވާލުވެފައެވެ. އޭނާ އެ މަގާމާ ހަވާލުވީ ކުރިން އެ މަގާމުގައި ހުރި ޓިމް ކުކްގެ ބަދަލުގައެވެ. މީގެ އިތުރުން ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ލޫކާ މަޔެސްޓްރީ ވެސް ވަނީ އެޕަލްގެ ކޯޕަރޭޓް މަސްއޫލިއްޔަތުތަކުން ދުރަށް ޖެހިލާފައިވާކަން އިއުލާނުކޮށްފައެވެ.
ބްލޫމްބާގްގެ މާކް ގާމަންގެ 'ޕަވާ އޮން' ނިއުސްލެޓާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެޕަލްގެ އެޕް މާކެޓްޕްލޭސް މެދުވެރިކޮށް އިތުރަށް ފައިސާ ހޯދުމަށް އައު ސީއީއޯ ޓާނަސް އަދި އެޑީ ކިއު އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބަދަލުތަކުގެ ތަފުސީލު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނުވަތަ މަސްތަކެއްގެ ތެރޭގައި މި ބަދަލުތައް ތަންފީޒު ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން އަހަރަކު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ އެޕް ސްޓޯރުން ހޯދާ ----
މި އައު ބަދަލުތަކާ ގުޅިގެން، އެޕް ސްޓޯރުގެ ވެރިޔާގެ މަގާމުގައި ހުރި ފިލް ޝިލާ ވަނީ އެ މަގާމުންނާއި އެޕަލް އިވެންޓްސްގެ މަގާމުން އިސްތިއުފާ ދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިފަދަ ނިންމުންތަކުގެ ސަބަބުން އެޕް ޑިވެލޮޕަރުންނާއި ސަރުކާރުތަކުގެ ނުރުހުން އިތުރަށް އަމާޒުވާނެ ކަމަށް ޝިލާ ދެކެއެވެ. އެ ބަދަލުތަކާ ދެކޮޅަށް އޭނާ ރަސްމީކޮށް ދެކޮޅު ނުހެދި ނަމަވެސް، އައު ސީއީއޯ ގެންނަން އުޅޭ މި ބަދަލުތަކުގެ ބައިވެރިއަކަށް ވާން ބޭނުންނުވާތީ މަގާމުން ވަކިވީ ކަމަށްވެއެވެ.
އެޕަލް އިން އަހަރަކު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ އެޕް ސްޓޯރުގެ ހެޑްގެ މަގާމުން ޝިލާ ކުއްލި ގޮތަކަށް ވަކިވި ނަމަވެސް، އޭނާ އަދިވެސް އެހެން ދާއިރާތަކުން އެޕަލްއާ އެކު ދެމިހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ޝިލާ އިސްތިއުފާ ދިނުމާ ގުޅިގެން އެޕް ސްޓޯރު ހިންގުމާ މިހާރު ހަވާލުވެފައިވަނީ އެޑީ ކިއު އެވެ.
މި ބަދަލުތައް ގެންނަން މި ނިންމީ އެޕަލް އަދި އެޕިކް ގޭމްސްއާ ދެމެދު އެޕް ސްޓޯރުގެ ގަވާއިދުތަކާ ގުޅިގެން ކުރިއަށްދިޔަ ގާނޫނީ ހަނގުރާމަ ނިމުނުތާ މަދު މަސްތަކެއް ފަހުންނެވެ. އިން-ގޭމް މުއާމަލާތްތަކުން އެޕަލް އިން ނަގާ 30 އިންސައްތައިގެ ފީއާއި، އެހެން ޕޭމަންޓް ގޭޓްވޭތަކަށް ޔޫޒަރުން ރީޑައިރެކްޓް ކުރުން މަނާކުރި މައްސަލައިގައި ފޯޓްނައިޓް އެޕް ސްޓޯރުން އޭރު ނެގިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި އެޕަލްގެ ޕޮލިސީތަކަށް ފިއްތުންތައް ކުރިމަތިވެ، ބްރެޒިލް ފަދަ ގައުމުތަކުގައި ސައިޑްލޯޑިންއަށް ފުރުސަތު ދިނުމާއި، އިންޑިއާގައި ކާޑު ޕޭމަންޓް އަލުން ތައާރަފުކުރުން ފަދަ ބަދަލުތައް ގެންނަން ޖެހިފައިވާއިރު، އެޕަލްގެ އައު އައިފޯން 18 ޕްރޯ ސީރީޒް ވެސް މި ހަފުތާ ތެރޭގައި ދައްކާލާނެ ކަމަށް ވަނީ ބެލެވިފައެވެ.