އެމެރިކާގެ އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ތައާރަފުކުރުމަށް ބާއްވާ ޚާއްސަ އިވެންޓް ބޯމަތިވެފައި ވަނިކޮށް، ޗައިނާގެ ވާވޭ އަދި ޝައޯމީއިން އެ ކުންފުނިތަކުގެ އެންމެ ފަހުގެ ފްލެގްޝިޕް ފަށްޖެހޭ ފޯނުތައް ރަސްމީކޮށް ބާޒާރަށް ނެރެފިއެވެ.
ޗައިނާގެ ޕްރީމިއަމް މޯބައިލް ފޯނުގެ ވާދަވެރިކަން އިތުރަށް ހޫނުވި މި ދަނޑިވަޅުގައި، ދެ ކުންފުނިން ވެސް ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ ފޯނުތައް ދައްކާލާފައެވެ.
ވާވޭ އިން ތައާރަފުކޮށްފައިވަނީ ދެ ފަށަށް ލައްޕާލެވޭ އަދި ފުރިހަމައަށް ހުޅުވާލުމުން ޓެބްލެޓެއްގެ ސައިޒަށް ބޮޑުވާ "މޭޓް އެކްސްޓީ2" ސީރީޒްގެ ޓްރައި-ފޯލްޑް ސްމާޓްފޯނެކެވެ. މި ފޯނުގައި އެ ކުންފުނީގެ އަމިއްލަ "ކިރިން 9050 ޕްރޯ" ޗިޕާއި އަލުން ޑިޒައިންކޮށްފައިވާ ހިންޖް ސިސްޓަމެއް ހިމެނޭއިރު، ފެނުން ރައްކާތެރިކޮށްދިނުން އިތުރުކޮށް، ކައިރީގައި ތިބޭ މީހުންނަށް ސްކްރީން ނުފެންނާނެހެން ހަދައިދޭ ޕްރައިވެސީ ފީޗާއެއް ވެސް ހިމަނާފައިވެއެވެ.
ވާވޭ މޭޓް އެކްސްޓީ2 މާކެޓަށް ނެރެނީ 19,999 ޔުއާން (2,980 ޑޮލަރު) އާއި 24,999 ޔުއާން (3,725 ޑޮލަރު) އާ ދެމެދުގެ އަގުތަކެއްގައެވެ. މި ފޯނު ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މިކަމާ ގުޅޭގޮތުން ވާވޭގެ އެގްޒެކެޓިވް ޑިރެކްޓަރު ރިޗަޑް ޔޫ ވިދާޅުވީ، މެމޮރީގެ އަގު ބޮޑުތަނުން އުފުލިފައިވުމާއި ގިނަ އައު ޓެކްނޮލޮޖީތަކެއް އެކުލެވުމުން ޚަރަދު ކުޑަކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ.
ވާވޭ އިން ބުނާ ގޮތުގައި އާ ޗިޕްގެ ޑިޒައިންގެ ސަބަބުން ކަރަންޓް މަދުކޮށް ބޭނުން ކުރާއިރު އިތުރު ކޮމްޕިއުޓިން ޕަވަރ ފޯރުކޮށްދެވޭނެ ---އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް އެ ކުންފުނިން އެކުލަވާލި އުސޫލުތަކުގެ ދަށުން އުފެއްދި މި ޗިޕަކީ ކަރަންޓު މަދުން ބޭނުންކޮށްގެން ބާރުގަދަ ޕާފޯމަންސެއް ދޭ ޗިޕެއް ކަމަށް ވެސް ވާވޭ އިން ބުނެއެވެ.
އަނެއްކޮޅުން ޝައޯމީ އިން ވަނީ އެ ކުންފުނީގެ މިހާތަނަށް އެންމެ އަގުބޮޑު ފޯނު ކަމަށްވާ "ޝައޯމީ 18 ފޯލްޑް" ބާޒާރަށް ނެރެފައެވެ. ލައްޕާލައިފައި އޮންނައިރު ޕާސްޕޯޓެއްގެ ސައިޒުގައި އޮންނަ މި ފޯނު ހުޅުވާލުމުން އެއްފަހަރާ ތިން އެޕްލިކޭޝަން ބޭނުންކުރެވޭއިރު، މީގެ އަގު އުޅެނީ 10,999 ޔުއާން (1,540 ޑޮލަރު) އާއި 14,999 ޔުއާން (2,100 ޑޮލަރު) އާ ދެމެދުގައެވެ.
ޝައޯމީގެ ސީއީއޯ ލެއި ޖުން ވިދާޅުވި ގޮތުގައި، 219 ގްރާމްގެ ބަރުދަނެއް ހުންނަ އަދި ހުޅުވާލުމުން އެންމެ 5.02 މިލިމީޓަރުގެ ބޯމިނެއް ހުންނަ މި ފޯނަކީ އެޕަލްގެ އައިފޯން ޕްރޯ މެކްސްއަށް ވުރެ ވެސް ލުއި ފޯނެކެވެ. މީގެ އިތުރުން، މި ފޯނުގައި ހިމެނޭ އެ ކުންފުނީގެ އަމިއްލަ "އެކްސްރިންގް އޯ3" އޭއައި ޕްރޮސެސަރުގެ ހަލުވިމިން އެޕަލްގެ އޭ19 ޕްރޯ ޗިޕަށް ވުރެ ކުރިއަރާފައިވާ ކަމަށާއި، ފޯނުގައި ބޭނުންކޮށްފައިވަނީ ޗައިނާގެ ސީއެކްސްއެމްޓީގެ ޑީރޭމް މެމޮރީ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
މި އައު ފޯނުތައް ތައާރަފުކުރިއިރު، މާދަމާ އެޕަލްއިން ބާއްވާ އިވެންޓުގައި އެ ކުންފުނީގެ އައު އައިފޯން ސީރީޒްގެ އިތުރުން ފަށްޖެހޭ ފޯނެއް ތައާރަފުކުރުމުގެ ފުރުސަތު އޮތް ކަމަށް މާކެޓް އެނަލިސްޓުން ލަފާކުރެއެވެ.
ދުނިޔޭގައި އެންމެ ގިނައިން ފަށްޖެހޭ ފޯނު ވިއްކާ ސެމްސަންގުން މިދިޔަ ޑިސެމްބަރު މަހު ޓްރައި-ފޯލްޑް ފޯނެއް ތައާރަފުކުރި ނަމަވެސް، އޭގެ ތިން މަސް ފަހުން އެ ޑިވައިސް ވިއްކުން ހުއްޓާލި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، ޖުލައި މަހު ސެމްސަންގުން ވަނީ ޕާސްޕޯޓް ސައިޒުގެ ފަށްޖެހޭ ފޯނެއް އެ ކުންފުނީގެ ޕްރޮޑަކްޓް ލައިނަށް އިތުރުކޮށްފައެވެ.
އައިޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާގެ ސްމާޓްފޯން މާކެޓުގެ އެއްވަނައިގައި 22.6 އިންސައްތައިގެ ހިއްސާއަކާއެކު އޮތީ ވާވޭއެވެ. ދެވަނައިގައި 18.1 އިންސައްތައާއެކު އެޕަލް އޮތްއިރު، ޝައޯމީ އޮތީ 12.4 އިންސައްތައިގެ ހިއްސާއަކާއެކު ތިންވަނައިގައެވެ.
މީގެއިތުރުން، ޗައިނާގެ ފަށްޖެހޭ ފޯނު މާކެޓުގެ 68 އިންސައްތަ ހިއްސާކޮށްގެން އެ ދާއިރާގައި އެންމެ ބޮޑު ކޮންޓްރޯލެއް ދަމަހައްޓަމުން އަންނަނީ ވެސް ވާވޭ އިންނެވެ.