ޝީންގެ ހިއްސާގެ އަގު ވެއްޓި، ކުންފުނީގެ އަގު 22.7 ބިލިއަން ޑޮލަރަށް ދަށަށް

އޮންލައިންކޮށް ހެޔޮ އަގުގައި ފެޝަން އަންނައުނު ވިއްކުމަށް މަޝްހޫރުވެފައިވާ ޗައިނާގެ ކުންފުނި، ޝީންގެ ހިއްސާ ހޮންގްކޮންގް މާކެޓުގައި ވިއްކަން ފެށިތާ ތިންވަނަ ދުވަހުގެ ތެރޭގައި ހިއްސާގެ އަގު 10 ޕަސެންޓަށް ދަށަށް ހިނގައްޖެއެވެ.

ބުރާސްފަތި ދުވަހު މާކެޓު ބަންދުކުރިއިރު ހިއްސާއެއްގެ އަގު ހުރީ 42 ހޮންގްކޮންގް ޑޮލަރުގައެވެ. މިއާއެކު ކުންފުނީގެ ޖުމްލަ އަގު ވަނީ 22.7 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ޝީންގެ ހިއްސާ ވިއްކަން ފެށި އަގަކީ 48.56 ހޮންގްކޮންގް ޑޮލަރެވެ. ނަމަވެސް ބުރާސްފަތި ދުވަހު އެ އަގު ވަނީ 41.24 ހޮންގްކޮންގް ޑޮލަރަށް (5.25 އެމެރިކާ ޑޮލަރަށް) ވެއްޓިފައެވެ. އަންގާރަ ދުވަހު މާކެޓު ހުޅުވުނުއިރުވެސް ހިއްސާގެ އަގު 10 ޕަސެންޓް ދަށަށް ދިޔައެވެ. ނަމަވެސް ފަހު ވަގުތު ގިނަ ބަޔަކު ހިއްސާ ގަތުމުގެ ސަބަބުން އެ ދުވަހު މާކެޓު ބަންދުކުރިއިރު އަގު ހުރީ ފެށުނު އަގާ ގާތުގައެވެ.

ނެޓިކްސިސްގެ އޭޝިއާ-ޕެސިފިކް ޗީފް އިކޮނޮމިސްޓް އަލީޝިއާ ގާސިއާ-ހެރޭރޯ ބުނި ގޮތުގައި މިއީ “ކާރިސާއެއް” ފަދަ ކަމެކެވެ.

https://www.sun.mv/226804

ޝީންގެ އައިޕީއޯގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް ކަމަށްވާ ގޯލްޑްމަން ސެކްސްއިން ދަނީ ހިއްސާގެ އަގު ހިފެހެއްޓުމަށްޓަކައި މާކެޓުން ހިއްސާ ގަންނަމުންނެވެ. ޝީންގެ އައިޕީއޯ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތުން އެ ކުންފުނީގައި 15 ބިލިއަން ޑޮލަރުގެ ނަގުދު ފައިސާއާއި ކުރު މުއްދަތުގެ ސެކިއުރިޓީޒް އެބަހުއްޓެވެ. ހޭންގް ސެންގް އިންޑެކްސަސްއިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހު މާކެޓު ބަންދުވާއިރު ޝީންގެ ހިއްސާ ހޮންގްކޮންގްގެ ހޭންގް ސެންގް ކޮމްޕޮސިޓް އިންޑެކްސްގައި ހިމެނޭނެއެވެ. މީގެ އިތުރުން، ހޮންގްކޮންގް އެކްސްޗޭންޖުން ވަނީ އަންގާރަ ދުވަހު ޝީންގެ ހިއްސާއަށް ހަފުތާއާއި މަހުގެ އޮޕްޝަންސް ތަޢާރަފުކޮށް، ޝޯޓް ޕޮޒިޝަން ނެގުމުގެ ފުރުސަތު އިންވެސްޓަރުންނަށް ދީފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވައިރަލްވި “ޝީން ހޯލްސް” އާއެކު ޒުވާނުންގެ މެދުގައި މި ކުންފުނީގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރު ކުންފުނީގެ އަގު 100 ބިލިއަން ޑޮލަރަށް އެރިއެވެ. ނަމަވެސް އެ އަހަރުގެ ފަހުކޮޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަވެ، ކުންފުނީގެ އަގު 66 ބިލިއަން ޑޮލަރަށް ދަށްވިއެވެ.

ޗައިނާގެ ސަޕްލައި ޗޭނާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ހުރެ، ނިއުޔޯކް އަދި ލަންޑަނުގައި ހިއްސާ ވިއްކަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ހޮންގްކޮންގްގައި ހިއްސާ ވިއްކުމުގެ ހުއްދަ ޗައިނާގެ ރެގިއުލޭޓަރުން ދިނީ މިދިޔަ ޖުލައި މަހުއެވެ.

އެނަލިސްޓުން ބުނާ ގޮތުގައި ޝީންގެ ހިއްސާގެ އަގު ދަށްވަމުން ދަނީ އާންމުކޮށް ކޮންސިއުމާ ކުންފުނިތަކާމެދު އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުންތަކެއްގެ ސަބަބުންނެވެ. ބީއެންޕީ ޕަރިބާސްގެ އޭޝިއާ-ޕެސިފިކް ކޭޝް އިކުއިޓީ ރިސާޗްގެ ވެރިޔާ ވިލިއަމް ބްރެޓަން ފާހަގަކުރި ގޮތުގައި، އެމެރިކާއާއި ޔޫރަޕުގައި ކޮންސިއުމަރުންގެ ޑިމާންޑް ދަނީ ދަށްވަމުންނެވެ. އަދި ކްލައިންޓުންނާ ވާހަކަދައްކާއިރު ކޮންސިއުމާ ކުންފުނިތަކުގެ ވާހަކަ ވަރަށް މަދުން ނޫނީ ނުދެކެވޭ ކަމަށާއި، މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓެކްނޮލޮޖީ ދާއިރާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް