ޑައިރެކްޓަރު ހަންސަލް މެހެތާގެ ފިލްމަކުން ބިޕާޝާ އެނބުރި ފިލްމީ ދާއިރާއަށް

އިންޑިއާގެ ބަތަލާ ބިޕާޝާ ބާސޫ--ފޮޓޯ/ޕިންކްވިލާ

އެކްޓިން ދާއިރާއާ ކުޑަ ދުވަސްކޮޅަކަށް ދުރުގައި ހުރުމަށްފަހު، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ބިޕާޝާ އެނބުރި އަންނަނީ މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާ "ބަރަބަންކީ"ގެ ނަމުގައި އުފައްދާ އާ ކްރައިމް ތުރިލާ ސީރީޒް އަކުންނެވެ. މި ސީރީޒްގެ މަސައްކަތް ބިޕާޝާ މިހާރު މުމްބާއީގައި ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ރިޓަޔަޑް އައިޕީއެސް އޮފިސަރު އަލޯކް ލާލް ލިޔެފައިވާ ފޮތް "ދަ ބަރަބަންކީ ނާކޯސް: ބަސްޓިންގް އިންޑިއާސް މޯސްޓް ނޮޓޯރިއަސް ޑްރަގް ކާޓެލް" މައްޗަށް ބިނާކޮށް އުފައްދާ ސީރީޒެކެވެ.

މި ސީރީޒް ބިނާކޮށްފައިވަނީ 1984 ވަނަ އަހަރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަރަބަންކީ ޑިސްޓްރިކްޓްގައި ހިންގި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ނައްތާލުމަށް އައިޕީއެސް އޮފިސަރު އަލްކޯ ލާލް އަދި އޭނާގެ ޓީމުން ހިންގި ކާމިޔާބު އޮޕަރޭޝަންގެ މައްޗަށެވެ.

މި ސީރީޒްއިން ބިޕާޝާގެ އިތުރުން، ސަނީ ކޯޝަލް އަދި ވިޝާލް ޖެތުވާ ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާނެއެވެ. ނަމަވެސް އެ މީހުން ކުޅޭ ކެރެކްޓާތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ބިޕާޝާ، ފިރިމީހާ / އެކްޓަރު ކަރަން ސިންގް ގްރޯވަރު އަދި ދަރިފުޅު ދޭވީއާ އެކު--ފޮޓޯ/ފިލްމުފެއަ

ފިލްމީ ޚަބަރުތައް ބުނާގޮތުން ބަތަލާ ބިޕާޝާ މި ސީރީޒްއިން ފެންނާނީ މީގެކުރިން ކެރިއަރުގައި އޭނާ ދައްކުވައިދީފައިނުވާފަދަ ތަފާތު މޮޅު ކެރެކްޓާއަކުންނެވެ. ކުޅަދާނަ ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާއާ އެކު މަސައްކަތް ކުރުމަކީ، މީގެކުރިންވެސް ބިޕާޝާ ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއް ކަމުން ހަންސަލްގެ ހުށަހެޅުމަށް ބަތަލާ ވަނީ ވަގުތުން އެއްބަސްވެފައެވެ.

މޮޑެލިންގް ދާއިރާއިން ލިބުނު މަޝްހޫރުކަމާ އެކު ބިޕާޝާ ފިލްމީ ކެރިއަރު ފެށީ 2001 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަޖްނަބީ"އިންނެވެ. ބިޕާޝާގެ ފިލްމީ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ، "ޖިސްމް"، "ރާޒް"، "ކޯޕަރޭޓް" އަދި "ނޯ އެންޓްރީ" ހިމެނެއެވެ.

ބިޕާޝާ ފިލްމީ މަސައްކަތްތަކާ ދުރުވީ 2016 ވަނަ އަހަރު އެކްޓަރު ކަރަން ސިންގް ގްރޯވަރާ ކައިވެނި ކުރުމަށްފަހު އާއިލީ ދިރިއުޅުމަށާއި އަމިއްލަ ސިއްހަތަށް އިސްކަން ދިނުމަށެވެ. އަދި 2002 ވަނަ އަހަރު އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ބަތަލާގެ ހުރިހާ ވަގުތެއް ހުސްކުރީ ދަރިފުޅަށް ވަގުތު ދީ ހެޔޮގޮތުގައި ބަލައިބޮޑުކުރުމަށެވެ.

comment ކޮމެންޓް