އާމިރަކީ، ވަރަށް ރަނގަޅު ފިރިއަކަށްވުރެ ބޮޑަށް، ވަރަށް ވަފާތެރި ކުރީގެ ފިރިއެއް ކަމަށް ބުނެފި

އާމިރު އޭނާގެ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ ދައްތާ އަދި ކިރަން ރާއޯއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ މަގުބޫލު އެކްޓަރު އާމިރު ޚާން، އޭނާގެ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ ދައްތާ އާއި ކިރަން ރާއޯއާ ދެމެދު ބާއްވާ ގާތް ގުޅުމަކީ އަބަދުވެސް މީޑިއާގެ އިތުރުން އާއްމުންގެ ސަމާލުކަން ހުއްޓޭ ކަމެކެވެ.

މި ގުޅުމާ ގުޅޭގޮތުން އާމިރުގެ ގާތް އެކުވެރިޔާ އަމީން ހާޖީ އާއި އޭނާގެ އަންހެނުން ޝާލޮޓް ވަނީ ސިއްދާތު ކަންނާއަށް ދިން އިންޓަވިއުއެއްގައި އަސަރުގަދަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އަމީން ހާޖީ ސަމާސާ ރާގަކަށް ބުނެފައިވަނީ، އާމިރު އަމިއްލައަށްވެސް އޭނާއަކީ "ވަރަށް ރަނގަޅު ފިރިއަކަށްވުރެ ބޮޑަށް، ވަރަށް ވަފާތެރި ކުރީގެ ފިރިއެއް (އެކްސް-ހަޒްބަންޑް)" ކަމަށް ބުނެފައިވާ ކަމަށެވެ. އާމިރުގެ މިޒާޖާ ގުޅޭގޮތުން ވާހަކަދައްކަމުން އަމީން ބުނީ، އާމިރު މީހަކު ދެކެ ނުރުހުންވި ނަމަވެސް އެކަމެއް މެދުވެރިވާނީ ވަކި ޚާއްސަ ކަމަކާ ގުޅިގެން ކަމަށާއި، ބާކީ ހުރި ކަންކަމުގައި އޭނާގެ ވަފާތެރިކަމާއި އިހުލާސްތެރިކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އާމިރު ޚާން އޭނާގެ ގާތް އެކުވެރިޔާ އަމީންއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

އާމިރުގެ ފަރާތުން ލިބުނު މުހިންމު ފިލާވަޅެއް ހިއްސާކުރަމުން އަމީން ބުނީ، މީހެއްގެ ކުށަށް އެކަނި ބެލުމުގެ ބަދަލުގައި، އެ މީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއި ކުރާ ހެޔޮ ކަންކަމަށް ސަމާލުކަން ދިނުމަކީ އިންސާނުން މިނެކިރުމުގައި އާމިރު ގެންގުޅޭ އުސޫލެއް ކަމަށެވެ.

މީގެއިތުރުން، އާމިރުގެ ކުރީގެ އަންހެނުން ރީނާ ދައްތާގެ އަމިއްލަ މުސްތަޤިއްލުކަމާއި އިހުތިޔާރުތަކަށް އާމިރު ކުރާ ހުރުމަތް އަމީން ފާހަގަކުރިއެވެ. ކައިވެންޏަށްފަހުވެސް ރީނާގެ އަމިއްލަ އާއިލީ ނަން ބަދަލުކުރުމަށް އާމިރު އެއްވެސް އިރަކު އެދިފައިނުވާކަން އަމީން ފާހަގަކުރިއެވެ. އަދި ކުދިންނަށް ކިޔާފައިވާ ނަންތައް ކަމަށްވާ "ޖުނައިދު" އާއި "އައިރާ" އަކީވެސް ރީނާ އިޚްތިޔާރުކުރި ނަންތައް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަމައެއާއެކު އާމިރުގެ ކުރީގެ އަނބިމީހާ ކިރަން ރާއޯއާ ވަކިވުމަށްފަހުވެސް ދެ މީހުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް ނައިސް ފިލްމީ މަސައްކަތްތަކުގައި ވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އަމީން ވަނީ ބުނެފައެވެ.

އާމިރު އެންމެފަހުން ކައިވެނިކޮށްފައި ވަނީ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ގޯރީ ސްޕްރެޓްއާއެވެ.

comment ކޮމެންޓް