ބާދްޝާ އާއި އިޝާގެ ކައިވެނި ރޫޅާލިކަން ރަސްމީކޮށް އިއުލާނުކޮށްފި

ބާދްޝާ ކުރީގެ އަންހެނުން އިޝާ ރިކީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ބާދްޝާ އަދި ބަތަލާ/މޮޑެލް އިޝާ ރިކީ ކައިވެނި ރޫޅާލައި، ވަކިވާން ނިންމިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މިކަން ދެމީހުންވެސް ކަށަވަރުކޮށްދީފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ. އިންސްޓަގްރާމްގައި އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، ދެ މީހުންވެސް އެކަކު އަނެކަކަށް އިހުތިރާމްކުރާ ކަމަށާއި ވަކިވާން ނިންމި ނިންމުމަކީ ދެމީހުންގެ ދެމެދުގައި އޮތް އިހުތިރާމާއެކު ނިންމި ނިންމުމެކެވެ.

އަދި އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނަކީ ވަރިއާ ގުޅޭގޮތުން އެމީހުން ނެރޭނެ ހަމައެކަނި ބަޔާންކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެ ނިންމުމަށް އެހެންމީހުންވެސް އިހުތިރާމްކޮށް، އިތުރު ހީތަކާއި އަންދާޒާތައްކޮށް ރިޕޯޓުތައް ނުނެރުމަށް ބާދްޝާ އާއި އިޝާ ވަނީ މީޑިއާގެ ކިބައިން އެދިފައެވެ.

އިޝާ އާއި ބާދްޝާގެ ކައިވެނީގެ ފޮޓޯތަކެެއް--ފޮޓޯ/ސްކްރީން

ދެމީހުން ވަކިވިކަން އިއުލާންކޮށްފައި މިވަނީ، އެމީހުންގެ ގުޅުމުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑުފެތުރެމުންދާތާ މަސްތަކެއް ވެފައިވަނިކޮށެވެ. މީގެ ކުރިން އިޝާ ރިކީ އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައިވެސް ވަނީ އެމީހުންގެ ގުޅުމުގައި މައްސަލަތަކެއް އުޅޭކަމަށް އިޝާރާތްކޮށްފައެވެ.

ބާދްޝާ އާއި އިޝާގެ ކައިވެންޏާ ބެހޭ ޚަބަރުތައް މީޑިއާތަކުގައި ތިލަވީ މި އަހަރުގެ މާޗް މަހުތެރޭ އިޝާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކުރި ކައިވެނީގެ ފޮޓޯތަކާ ގުޅިގެންނެވެ.

އޭގެ މަހެއްހާ ދުވަސް ފަހުން ބާދްޝާ ވެސް ވަނީ އިޝާގެ މޫނު ނުފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށް، ދިރިއުޅުމުގައި މީހުންނާ ބައްދަލުކޮށްދޭ ގޮތުގެ ޝުއޫރުތައް ހިއްސާކޮށްފައެވެ.

އިޝާ ރިކީ އަކީ ބާދްޝާގެ ދެވަނަ އަންބެވެ. މީގެކުރިން ބާދްޝާ ކައިވެނިކޮށްގެން އުޅުނީ ޖޭސްމިން މަސީހް ނަމަކަށް ކިޔާ މީހަކާއެވެ. ދެހާސްވިހި ވަނަ އަހަރު އެ ކައިވެނި ރޫޅުނުއިރު، އެކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ.

comment ކޮމެންޓް