މީސްމީޑިއާގައި ދައުރުވަމުންދާ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޭކު ވީޑިއޯތަކާ ގުޅިގެން އިންޑިއާގެ ފިލްމީ ތަރި ޝާލިނީ ޕާންޑޭ ނުރުހުން ފާޅުކޮށް، އެ ވީޑިއޯތައް އެކަކު އަނެކަކަށް ހިއްސާނުކުރުމަށް އާންމުންގެ ކިބައިން އެދިއްޖެއެވެ.
ފިލްމު "މަހާރާޖް" އަދި "އަރުޖުން ރެޑީ"އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ޝާލިނީ ޕާންޑޭއަކީ ޑީޕްފޭކްގެ ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެގެންދިޔަ އެންމެ ފަހުގެ ފިލްމީ ތަރިއެވެ. މީގެ ކުރިން ބޮލީވުޑްގެ ބަތަލާ މްރޫނާލް ތާކުރު އަދި ރަޝްމިކާ މަންދަންނާ ފަދަ ތަރިންގެ ފޭކު ޑީޕްފޭކް ވީޑިއޯތައްވެސް ވަނީ އިންޓަނެޓުގައި އާންމުވެފައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ޝާލިނީ ބުނެފައިވަނީ، ޓެކްނޮލޮޖީ މިގޮތަށް ނުރަނގަޅު ގޮތުގައި ބޭނުންކުރުމަކީ އާންމު ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

ފިލްމު "އަރުޖުން ރެޑީ"ގެ މަންޒަރެއްގައި ޝާލިނީ ވިޖޭއާ އެކު--ފޮޓޯ/ޕިންކްވިލާ
"ހާއްސަކޮށް އަންހެނުންނަށް އަމާޒުކޮށް، އިންސާނުންނަށް ގެއްލުން ދިނުމަށް ޓެކްނޮލޮޖީ މިފަދަ ގޮތަކަށް ބޭނުންކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް. މިފަދަ ނުބައި އަމަލުތައް އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ޝާލިނީ ބުނެފައިވެއެވެ.
އުމުރުން 32 އަހަރުގެ ބަތަލާ ވަނީ އެ ވީޑިއޯ ފެނިއްޖެނަމަ ރިޕޯޓުކުރުމަށާއި، އިތުރަށް ފެތުރުމުގެ ބަދަލުގައި ޒިންމާދާރުކަމާ އެކު އަމަލުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
މީގެކުރިން މްރޫނާލް ތާކުރުވެސް ވަނީ އޭނާގެ ސޫރަ ބޭނުންކޮށްގެން ޑީޕްފޭކް ފޮޓޯތައް އުފައްދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. އޭއައި ޓެކްނޮލޮޖީގެ ސަބަބުން ފިލްމީ ތަރިންގެ އިތުރުން މަޝްހޫރު އެތައް ފަންނާނުންގެ އަބުރަށް ގެއްލުންވާ ގޮތަށް ވީޑިއޯއާއި ފޮޓޯ އުފެއްދުން ވަނީ ޑިޖިޓަލް މީޑިއާގައި ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ.