ފުވައްމުލަކުގައި ވެސް ހުންނަ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކުރަމުން ދާތީ އެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ، އެ ސިޓީގެ ފެނަކަ ބްރާންޗާއި ވެމްކޯ ބްރާންޗުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކުރަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތަށް މުވައްޒަފުން ވަކިކުރުމުން މުވައްޒަފުންނަށް އާމްދަނީ ލިބޭނެ މަގު ކުއްލިއަކަށް ބަންދުވެ، އެ މީހުން އާއިލާތަކަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތިވާނެކަމަށް ބަޔާނުގައިވެއެވެ.
އެގޮތުން ވެސް މުވައްޒަފުން ވަކިކުރަމުންދަނީ މަސައްކަތުގެ ފެންވަރަށް ބެލުމެއްނެތި، ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާތީ ކަމަށް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ފުވައްމުލަކު ކައުންސިލުން ބުންޏެވެ.
އާދައިގެ މުވައްޒަފުން ކުންފުނިތަކުން ވަކިކުރަމުންދިޔަ ނަމަވެސް، ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ އެކަން ފާހަގަކޮށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، އިގުތިޞާދީގޮތުން ދަތި ދުވަސްވަރެއްގައި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ސިޔާސީ ސަބަބުތަކަށް ޓަކައި އާދައިގެ މުވައްޒަފުންގެ ވަޒީފާ ގެއްލުވައިލުމަކީ އެތައް ބައެއްގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމަށެވެ.
އެ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި އޮގަސްޓު މަހު އެ ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ފެނަކައާއި ވެމްކޯއާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ފުވައްމުލަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓައިނުލާ ފުރިހަމަކުރާނެކަމުގެ ޔަގީންކަން އެ ދެ ކުންފުނިން ވެސް ދިނެވެ. ނަމަވެސް ކުއްލިގޮތަކަށް މަޝްރޫއުތައް އޮތީ ހުއްޓައިލައިފައި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
އެހެންކަމުން ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް ރުޖޫއަކޮށްދިނުމަށް ފުވައްމުލަކު ކައުންސިލުން ވަނީ ގޮވައިލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ފުވައްމުލަކުގެ އިތުރުން އައްޑޫގެ ފެނަކަ ބްރާންޗުން ވެސް 90 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަކިކުރި ކަމަށް، އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މީގެ ދެ ހަފުތާ ކުރިން ހާމަކުރައްވައިފައިވެއެވެ.
އައްޑޫ ފެނަކަ ބްރާންޗުން ހާމަކޮށްފައިވާ ގޮތުގައި އެ ބްރާންޗުން 189 މުވައްޒަފަކު ވަކިކޮށްފައިވެއެވެ. އެކަން ހާމަކޮށް އައްޑޫ ފެނަކަ ބްރާންޗުގެ ވައިބާ ޗެނަލް، އެ މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ޚާއްސަ ވެސް ކޮށްފައިވެއެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ތިން މަސް ތެރޭ ނިންމަން މި މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވެސް ވަނީ އަންގައިފައެވެ.