އެއްގަމުގައި އުޅޭ އެންމެ ބޮޑު ބާވަތުގެ ކަކުނި ފުވައްމުލަކުން ފެނި، ބޮޑު ޝައުގުވެރިކަމެއް

ފުވައްމުލަކުން ފެނުނު ކޮކޮނަޓް ކްރެބް ---

އެއްގަމުގައި އުޅޭ އެންމެ ބޮޑު ބާވަތުގެ ކަކުނި ކަމަށްވާ ކޮކޮނަޓް ކްރެބް ފުވައްމުލައް ސިޓީން ފެނިއްޖެއެވެ.

އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ހޫނު ސަރަހައްދުތަކުގެ ޖަޒީރާ ރަށްތަކުން އާންމު ގޮތެއްގައި ފެންނަ ކޮކޮނަޓް ކްރެބް ފުވައްމުލަކުން ފެނި، އެ ރަށުގެ ބައެއް މީހުން ވަނީ މި ހަފުތާ ތެރޭގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ފުވައްމުލަކުން މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެ ސިޓީން ފެނުނު ކަކުނީގެ ބޮޑުމިނުގައި އެއް ފޫޓު ހަ އިންޗި ވަރު ހުންނާނެ ކަމަށެވެ. އެ ކަކުނި މިހާރު ވަނީ ހިމާޔަތްކުރުމަށް ފުވައްމުލަކު ސިޓީ ޕޮލިހަށް ގެންގޮސްފައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ފުވައްމުލަކުން ފެނުނު އެ ކަކުންޏަކީ ގަދަ ރަތްކުލައިގެ ކަކުންޏެކެވެ.

ފުވައްމުލަކުން ފެނުނު ކޮކޮނަޓް ކްރެބް --


ކޮކޮނަޓް ކްރެބަކީ އޭގެ ފައިތައް ދަމާލުމުން އެއް މީޓަރުގެ ދިގުމިނަށް ބޮޑުވާ ކަކުންޏެކެވެ. އެ ކަކުނި އާންމުކޮށް ފެންނަނީ ނޫކުލައެއްގައެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުން އޮރެންޖާއި ރަތް ކުލައިގައި ވެސް އެ ކަކުނިތައް ފެނެއެވެ.

ކޮކޮނަޓް ކްރެބް އާންމު ގޮތެއްގައި ދިރިއުޅެނީ އެއްގަމުގައި ކަމަށްވާއިރު، އެއީ ކާށި ފަޅައި، އޭގެ މަދު ކެވޭ ވަރަށް ބާރުގަދަ ކަކުންޏެކެވެ. މީގެ އިތުރުން ވެސް އެއީ ތަފާތު މޭވާއާއި ބައެއް ކުދި ޖަނަވާރާއި ބިސް ވެސް ކައި އުޅޭ ކަކުންޏެކެވެ.

comment ކޮމެންޓް