ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި ގިނަ ދުވަސްތަކަކު މަސައްކަތްކުރި މީހަކަށް ޖެހުނު އުރަމަތީގެ ކެންސަރަކީ، އޭނާގެ ވަޒީފާގެ ސަބަބުން ހުށަހެޅުނު ކޮސްމިކް ރޭޑިއޭޝަންގެ ސަބަބުން ދިމާވި ކަމެއް ކަމަށް ފަރަންސޭސިވިލާތުގެ ކޯޓަކުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފިއެވެ.
ފަރަންސޭސިވިލާތުގެ ހުޅަނގުދެކުނުގައި އޮންނަ ބަޔޯން ރަށުގެ ކޯޓުން މިގޮތަށް ނިންމީ، އުމުރުން 59 އަހަރުގެ ސޯފީ ލޭނޯ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެއާ ފްރާންސްގައި ސްޓެވާޑެސްއެއްގެ ގޮތުގައި މަސައްކަތްކުރި ލޭނޯއަށް ޖެހުނު ކެންސަރަކީ މަސައްކަތުގެ މާހައުލުން ދިމާވި ބައްޔެއް ކަމަށް ކޯޓުން ވަނީ ބަލައިގެންފައެވެ. ކޯޓުގެ ނިންމުމުގައި، އޭނާގެ ވަޒީފާގެ ސަބަބުން ކެންސަރަށް މަގުފަހިވި ތިން ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ކޮސްމިކް ރޭޑިއޭޝަނާއި، އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމުގެ އަސަރުކުރުމާއި، އަދި ގިނަ ވަގުތު ރޭގަނޑު މަސައްކަތްކުރަން ޖެހުމެވެ. އެއާ ފްރާންސްގެ ފްލައިޓުތަކުގައި 2000 ވަނަ އަހަރާ ހަމައަށް ދުންފަތުގެ އިސްތިއުމާލުކުރުން އޮތީ ހުއްދަކޮށްފައެވެ.
މިހާރު ކެންސަރު ބަލިން ފަސޭހަވަމުން އަންނަ ލޭނޯއަށް، ކޯޓުގެ މި ނިންމުމާއެކު އަވަހަށް ރިޓަޔާކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ބައްޔަށް ކުރަންޖެހޭ ފަރުވާގެ ހުރިހާ ޚަރަދެއް ފަރަންސޭސިވިލާތުގެ ސިއްހީ ނިޒާމުގެ ތެރެއިން ހަމަޖެހިގެންދާނެއެވެ. 1989 އިން 2019 އަށް އެއާ ފްރާންސްގައި މަސައްކަތްކުރިއިރު، އޭނާ ވަނީ 12،600 ގަޑިއިރު އުދުހިފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ޕެރިހުން ފުރައިގެން އުތުރު ތަނޑިއާ (ނޯތު ޕޯލް) ކައިރިން ދަތުރުކުރި ގިނަ ފްލައިޓުތަކެއްގައި އޭނާ މަސައްކަތްކޮށްފައިވާއިރު، އެ ސަރަހައްދަކީ ޖައްވީ ރޭޑިއޭޝަންގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަހައްދެވެ.

ލޭނޯގެ ވަކީލު އެލިޒަބެތު ލެރޫ ވިދާޅުވި ގޮތުގައި، ނަރުހުން ފަދަ ބައެއް ވަޒީފާތަކުގައި އުޅޭ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހުމާއި މަސައްކަތުގެ މާހައުލާ ގުޅުންހުރި ކަމަށް ފަރަންސޭސިވިލާތުގައި ކުރިން ކަނޑައަޅާފައިވީ ނަމަވެސް، މިއީ ފްލައިޓް ކްރޫއަކަށް މިކަން ސާބިތުވި ފުރަތަމަ ފަހަރެވެ. މި ނިންމުމުގެ ސަބަބުން މިފަދަ އެހެން މައްސަލަތަކަށް މަގުފަހިވެގެންދާނެ ކަމަށް ވަކީލުން ފާހަގަކުރެއެވެ.
ލޭނޯ ބުނީ އޭނާގެ އެންމެ ބޮޑު އުންމީދަކީ، މިހާތަނަށް މިފަދަ ފިޔަވަޅެއް އަޅަން ނުކެރިފައި ތިބި އެހެން އަންހެނުންނަށް މި ނިންމުމުގެ ސަބަބުން ހިތްވަރު ލިބިގެން ދިއުން ކަމަށެވެ.
އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލުން މި މަހު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، 500 އަށް ވުރެ ގިނަ ވަޒީފާތަކުގެ ތެރެއިން ރޭޑިއޭޝަނާ ގުޅުންހުރި ކެންސަރުގައި އެންމެ ގިނައިން މަރުވެފައިވަނީ ފްލައިޓް އެޓެންޑެންޓުންނާއި ޕައިލެޓުންނެވެ. އެގޮތުން ފްލައިޓް އެޓެންޑެންޓުންގެ މަރުގެ 6.9 ޕަސެންޓް އަދި ޕައިލެޓުންގެ މަރުގެ 6.7 ޕަސެންޓަކީ ރޭޑިއޭޝަނާ ގުޅުންހުރި ކެންސަރުގެ ސަބަބުން މަރުވި މީހުންނެވެ. މިއީ އާންމުކޮށް ރޭޑިއޭޝަނަށް ހުށަހެޅޭ ނިއުކްލިއާ ޓެކްނޮލޮޖިސްޓުންނަށް ވުރެ ވެސް މަތީ އަދަދެކެވެ.
ޔުނިވާސިޓީ އޮފް ޕޯޓްސްމަތުގެ އެންވަޔަރަންމަންޓަލް ސައިންސް ޕްރޮފެސާ ޖިމް ސްމިތު ވިދާޅުވިގޮތުގައި، ވަކި މީހަކަށް ކެންސަރު ޖެހުނީ ސީދާ ރޭޑިއޭޝަންގެ ސަބަބުންކަން ކަނޑައެޅުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ފްލައިޓް ކްރޫއިންނަށް ކެންސަރު ޖެހުމުގެ ކުޑަ ރިސްކެއް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މައްސަލައިގައި އެއާ ފްރާންސްއިން ބުނީ، ލޭނޯގެ ޝަރީއަތުގައި އެ ކުންފުނިން އެއްވެސް ދައުރެއް އަދާކޮށްފައި ނުވާނެ ކަމަށާއި، ކޯޓުގެ ނިންމުން ބިނާކުރި ސަބަބުތައް އަދި ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ސިއްހަތާއި ސަލާމަތަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ގަވާއިދުތަކުން ލާޒިމުކުރާ މިންވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ކޮންމެ މުވައްޒަފަކަށް ވެސް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.