ބައެއް ރަށްތަކަށް ކެރީގެ އަސަރު މިއަދު ކުރި ނަމަވެސް، ކަނޑުތައް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މެޓުން ބުނި ގޮތުގައި، ކެރީގެ އަސަރު ކުރާނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މިއަދު ހުރިހާ ސަރަހައްދަކަށް ވެސް ވައި ޖެހޭނީ، ފަސް މޭލާ 15 ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ.
ވިއްސާރަ ދުވަހެއްގައި އަންހެން ކުއްޖަކު ރާޅުގަނޑުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިގޮތުން، ދެކުނު އަތޮޅުތަކަށް ވައި ޖެހޭނީ އިރުދެކުނާއި ދެކުނުން ކަމަށްވާއިރު، އެހެނިހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީގެއިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. ރާޅުގެ އުސްމިން ހުންނާނީ، ދެ ފޫޓާ ހަތަރު ފޫޓާ ދެމެދުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިހާރު ފެށިގެން އުޅެނީ ހުޅަނގު މޫސުމުގެ ފުރަ ނަކަތެވެ. އެ ނަކަތުގައި ދޭތެރެއަކުން ވިއްސާރަ ކުރި ނަމަވެސް، އާންމުކޮށް މޫސުން އޮންނާނީ ރީތިކޮށް ކަމަށް ކާބަފައިން ބުނެއުޅެއެވެ.