މިއަދު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރި ދޯންޏެއްގައި މީހަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މެޓުން ބުނީ، ހަވީރު 06:00އާ ހަމައަށް އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާ އެއްކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓުން ބުނި ގޮތުގައި، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ. އެހެނިހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ވައިޖެހޭއިރު، ވައިގެ ބާރުމިން ހުރިހާ ސަރަހައްދަކަށް ވެސް ހުންނާނީ ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އަދި، ވިލާގަނޑުގައި ގާތްގަނޑަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މީހަކު ވާރޭ ވެހޭއިރު، ކޯޓެއް ލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެއިތުރުން، މިއަދު އާދައިގެ ވަރަކަށް ކަނޑުތައް ގަދަ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރިއެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ފަސް ފޫޓާ ދެމެދުގައެވެ.

މެޓުން ވަނީ، މެދުރާއްޖެތެރެއާއި ދެކުނުގައި ދިރިއުޅޭ މީހުން، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ވިއްސާރަ ދުވަސްވަރަށް މޫސުމީ މައުލޫމާތުގެ އަދާހަމަ ހޯދައި، ސަލާމަތީ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް