ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ޚައްތަރާއި މެލޭޝިއާގެ މޮޑެލް ޗާންދަނީ ބައިންޒްގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ހަމައެއާއެކު، އިޝާން އާއި ޒުވާން ބަތަލާ ސާރާ އަރުޖުން އެކުގައި ކުޅުނު އިޝްތިހާރަކަށްފަހު، އެ ދެ ތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމުގެ އަޑުތައްވެސް މިހާރު ވަނީ ގަދަވެފައެވެ. ނަމަވެސް، މި ވާހަކަތަކާ ގުޅޭގޮތުން އެއިން އެއްވެސް ފަރާތަކުން ރަސްމީކޮށް އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިޝާންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށް އަނެއްކާވެސް މީޑިއާގެ ސަމާލުކަން ހުއްޓިފައިވާއިރު، 'ފިލްމްފެއަ'އިން ރިޕޯޓްކުރާ ގޮތުގައި އޭނާ އާއި ޗާންދަނީގެ ގުޅުން މިހާރު ވަނީ ކެނޑިފައެވެ. މިކަން އެ ދެމީހުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ދެމީހުން ދުރުގައި ވަގުތު ހޭދަކުރަމުންދާ ކަމަށާއި، މި ބަދަލު އައިސްފައިވާކަން އިޝާންގެ ގާތް އެކުވެރިންވެސް ކަށަވަރުކޮށްދީފައިވާ ކަމަށް 'ފިލްމުފެއަ'ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިޝާން އަދި ކުރީގެ ލޯބިވެރިޔާ ޗާންދްނީ--ފޮޓޯ/އެންޑީޓީވީ
މި ޚަބަރާއެކު، ފިލްމު "ދުރަންދަރު"އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ބަތަލާ ސާރާއާ އެކު އިޝާން މަސައްކަތްކުރި އިޝްތިހާރުން ފެނުނު ގާތްކަމުގެ ސަބަބުން، އެއީ ހަމައެކަނި ފަންނީ ގުޅުމެއްތޯ ނުވަތަ ލޯބީގެ ގުޅުމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިޝާން އާއި ސާރާގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ ޒޯޔާ އަޚްތަރާއި ރީމާ ކަގްތީގެ 'ޓައިގަ ޓެލީ'އިން ޒަމާނީ ލޯބީގެ ވާހަކައެއްގެ ސިފައިގައި އުފެއްދި އިޝްތިހާރަކުން އެ ދެމީހުން އެކުގައި ފެނިގެންދިޔުމާ ގުޅިގެންނެވެ.
އެ ޕްރޮޖެކްޓުގައި ދެމީހުންގެ މެދުގައި ފެނުނު ފުރިހަމަ ކެމިސްޓްރީގެ ސަބަބުން، އެއީ ފިލްމެއް ކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް، ސާރާ ވަނީ އެއީ އިޝްތިހާރެއްކަން ފަހުން ސާފުކޮށްދީފައެވެ.
ޗާންދަނީ އަކީ ބޮލީވުޑަށް ތައާރަފުވުމަށް މަސައްކަތްކުރަމުންދާ މެލޭޝިއާގެ މޮޑެލްއެކެވެ. އޭނާ އާއި އީޝާންގެ ގުޅުމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވީ 2023 ވަނަ އަހަރު މުމްބާއީގެ އެކި ތަންތަނުން އެކުގައި ފެންނަން ފެށުމުންނެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ އިޝާން އަކީ އިންޑިއާގެ އިތުރުން ބައިނަލް އަޤްވާމީ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ އެކްޓަރެކެވެ. އެގޮތުން އޭނާ މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެތެރޭ 2024 ވަނަ އަހަރު ރިލީޒްކުރި "ދަ ޕާފެކްޓް ކަޕްލް" ހިމެނެއެވެ. އޭނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ސިނަމާތަކަށް ގެނެސްދިން ކާމިޔާބު ފިލްމު "ހޯމްބައުންޑް"އިންނެވެ.