އިންޑިއާގެ ލަވަކިޔުންތެރިޔާ އަންކިތު ބަލްޔާންގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ހަރްޔާންވީއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަންކިތު ބަލްޔާން--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ ހަރްޔާންވީއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދި މަޝްހޫރު ޔޫޓިއުބަރު އަންކިތު ބަލްޔާންގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޝާމްލީ ކޮތުވާލީ ޕޮލިސް ސްޓޭޝަންގެ އިހްތިސާސް ހިމެނޭ ސަރަޙައްދުގައި ހުންނަ ޖިމަކުން އިއްޔެ ހަވީރުގެ ވަގުތެއްގައި އަންކިތު ނުކުތް ވަގުތުއެވެ.

ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، ބަންތިކޭރާއަށް ނިސްބަތްވާ އަންކިތު ޖިމުން ނުކުތް ވަގުތު، ތިނެއް ނުވަތަ ހަތަރު މީހުން ހިމެނޭ ގްރޫޕަކުން ވަނީ އޭނާއަށް އަމާޒުކޮށް ކުއްލި ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޒަން އަރައި، ސީރިއަސް ޒަޚަމްތަކަކާއެކު އެ ސަރަޙައްދަށް ވެއްޓުނެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަގުތުން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަރްޔާންވީއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަންކިތު ބަލްޔާން--ފޮޓޯ/އިންޑިއާޓުޑޭ

މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާއިރު، އަންކިތުގެ ޢާއިލާއާއި އެ އަވަށުގެ އާންމުން ވަނީ ނުރުހުން ފާޅުކޮށް ވަރުގަދަ އިހުތިޖާޖެއް ފަށާފައެވެ. އެގޮތުން، އޭނާގެ ހަށިގަނޑު މަގުމަތީގައި ބާއްވައި، ދިއްލީ-މުޒައްފަރްނަގަރް މަގު ބަންދުކޮށް، ދަތުރުފަތުރަށް ވަނީ ހުރަސްއަޅާފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ، ޤާތިލުން އަތުލައިގަނެ ޤާނޫނީ ފިޔަވަޅު ނާޅަނީސް މަގު ނުހުޅުވާނެ ކަމަށާއި، އަންކިތުގެ ޖަނާޒާގެ ކަންކަންވެސް ކުރިއަށް ގެންދާނީ ކުށްވެރިން ހައްޔަރުކުރުމުން ކަމަށެވެ.

ޝާމްލީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޕީ. ސިންގް ވިދާޅުވީ، ހަމަލާދިން މީހުން ދެނެގަތުމަށްޓަކައި ހާދިސާ ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ފާސްކުރަމުންދާ ކަމަށާއި، ކުށްވެރިން ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމުތަކެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ޤަތުލުގެ ފަހަތުގައި ކުރިއަށް އޮތް ޕަންޗާޔަތު އިންތިހާބާ ގުޅުންހުރި ސިޔާސީ ނުވަތަ ޒާތީ ދެބަސްވުމެއް އޮތްތޯވެސް ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންކިތު ބަލްޔާން އަކީ ހަރްޔާންވީ ޕޮޕް މިއުޒިކާއި، ސަގާފީ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީޑިއޯތަކާއި ޕޮޑްކާސްޓްތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި އަންކިތު ވަނީ، މަސޫމް ޝަރުމާ، ރާޖޫ ޕަންޖާބީ އަދި އާޝޫ ޓްވިންކަލް ފަދަ މަޝްހޫރު ފަންނާނުންނާއެކު ގިނަ އުފެއްދުންތަކެއް ނެރެފައެވެ.

މީގެ އިތުރުން، ސިޔާސީ ޕޮޑްކާސްޓްތަކާއި ވްލޮގްތައް މެދުވެރިކޮށް އުއްތަރު ޕްރަދޭޝާއި ހަރްޔާނާގެ ސިޔާސީ އިސް ފަރާތްތަކުގެ އިންޓަވިއުތައްވެސް އޭނާ ގެނެސްދީފައިވެއެވެ.

comment ކޮމެންޓް