ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާ ކައިރީގައި ހަ ބިލިއަން ޔޫރޯ (ހަތް ބިލިއަން ޑޮލަރު) ގެ އަމިއުޒްމަންޓް ޕާކެއް ތަރައްގީކުރުމަށް ފަރަންސޭސިވިލާތާއި ސައުދީ އަރަބިއްޔާއިން އެއްބަސްވެއްޖެއެވެ.
މިކަން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަރަންސޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯންއާ އެކު އެލީޒޭ ގަނޑުވަރުގައި ބޭއްވެވި މަޝްވަރާތަކަށް ފަހުގައެވެ.
ފަރަންސޭސި ރައީސް އޮފީހުން ބުނި ގޮތުގައި، ޕެރިހުގެ ހުޅަނގު އުތުރުން 30 ކިލޯމީޓަރު ދުރުގައި އޮންނަ ސާޖީ-ޕޮންޓޮއިސް ސަރަހައްދުގައި ތަރައްގީކުރާ މި މަޝްރޫއުގެ ދަށުން ތިން ތީމް ޕާކެއް ހަދާނެއެވެ. މީގެ ތެރެއިން އެއް ޕާކަކީ ޖަޕާނުގެ ކުރެހުންތަކެއް ކަމަށްވާ “މާންގާ” އަށް، އަދި ހާއްސަކޮށް “ޑްރެގަން ބޯލް ޒެޑް” ގެ މައްޗަށް ބިނާކޮށް ހަދާ ޕާކެކެވެ. މި މަޝްރޫއު ކުރިއަށްގެންދާނީ ސައުދީ އަރަބިއްޔާގެ ސޮވްރިން ވެލްތު ފަންޑުގެ އިންވެސްޓްމަންޓް ގޮތްޕެއް ކަމަށްވާ “ކިއްދިޔާ” އިންނެވެ. މި މަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 22،000 ވަޒީފާ އުފެދޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރައީސް މެކްރޯން ވިދާޅުވި ގޮތުގައި މިއީ ޑިޒްނީލޭންޑް ޕެރިސް ފަދަ ބައިނަލްއަގުވާމީ އާ މަންޒިލެއް އުފެދިގެންދާނެ އާދަޔާހިލާފު މަޝްރޫއެކެވެ. ފަރަންސޭސިވިލާތުގެ ހުނަރުވެރިންނަށް ސައުދީން ކުރި އިތުބާރަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ފަރަންސޭސި ރައީސްގެ މުޝީރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ހިޔާލު އުފެދުނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޔާޒުގައި މެކްރޯންއާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުންނަށްވެސް މާންގާއަށް، ހާއްސަކޮށް ޑްރެގަން ބޯލް ޒެޑްއަށް އޮތް ޝައުގުވެރިކަން ހިއްސާކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ތީމް ޕާކުގެ އިތުރުން، ހަކަތައާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، އޭވިއޭޝަން ފައިނޭންސިން އާއި، ދަތުރުފަތުރާއި ސިއްހީ ދާއިރާއިންވެސް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ސައިބާ ސެކިއުރިޓީއާއި، އޭއައި ތަމްރީނުތަކާއި، އަސްކަރީ ތަމްރީނުތަކުގެ ދާއިރާއިން ދިފާއީ ގުޅުން ބަދަހިކުރުމަށް ލެޓާ އޮފް އިންޓެންޓެއްގައި ސޮއިކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ފަރަންސޭސި ރިޔާސީ ގަނޑުވަރުން ބުނި ގޮތުގައި، ސައުދީގެ ޖިއްދާ އިސްލާމިކް ޕޯޓު ތަރައްގީކުރުމަށް ފަރަންސޭސި ކުންފުންޏެއް ކަމަށްވާ ސީއެމްއޭ ސީޖީއެމްއާ އެކު 434 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ރިޔާޒުގެ މެޓްރޯއަށް ބޭނުންވާ ކެރޭޖުތައް ފޯރުކޮށްދިނުމަށް ފަރަންސޭސި ކުންފުންޏެއް ކަމަށްވާ އަލްސްޓޮމްއާ އެކު 580 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްވެސް ވަނީ އެކުލަވާލާފައެވެ.
މިއީ ސައުދީ ވަލީއަހުދު ފަރަންސޭސިވިލާތަށް ކުރައްވާ ތިންވަނަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ މި މަހުގެ ކުރީކޮޅު ތުރުކީއާއި ޕާކިސްތާނާ އެކު "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި ސޮއިކުރެއްވި ފަހުން އޭނާ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އިގުތިސާދީ އަދި ދިފާއީ ކަންކަމުގެ އިތުރުން، މެދުއިރުމަތީގެ މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތައް މަޝްވަރާގެ މަތިން ހައްލުކުރުމަށާއި، ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނައުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އެމެރިކާ މެދުވެރިވެގެން ހަމާސްގެ ހަތިޔާރު ބޭލުމަށް ވެފައިވާ އެއްބަސްވުމަށް މަރުހަބާ ކިޔައި، އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓާލުމަށް ދެ ގައުމުން ވަނީ ބާރުއަޅާފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރާކަން ހާމަކޮށް، ލުބްނާނުގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމަށްވެސް ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށާއި ވިޔަފާރި ބޯޓުފަހަރަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ސީރިއާގެ ހަމަޖެހުމަށް ތާއީދުކުރާކަން ދެ ގައުމުގެ ލީޑަރުން ވަނީ ހާމަކުރައްވާފައެވެ.