ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސްޕްލާންޓްގެ އެކޮމޮޑޭޝަން ބްލޮކް ތެރޭގައި ޅ. ހިންނަވަރު/އަތިރީއާގެ، އިސްމާއީލް އުމަރު މަރާލިކަން ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު ފަށަން ތައްޔާރުވެއްޖެއެވެ.
އިއްސެ މަރާލި މައްސަލައިގައި ޝުމޮންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައި އޮންނަތާ ހަތަރު ވަރަކަށް އަހަރުވެއްޖެއެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގެ އަޑު އެހުންތައް އޮތީ ހައިކޯޓުގައި ނުފެށިއެވެ. މި މައްސަލަ ފަށަން ތާވަލުކޮށްފައި އޮތީ މިއަދަށެވެ.
އިއްސެ މަރާލި މައްސަލައިގައި ޝުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައި ވަނީ ޖޫން 16، 2017ގައި ޝުމޮން މިއާ، އިއްސެ މަރާލީ އޭނާ އައިސް ޕްލާންޓުގެ އެކޮމޮޑޭޝަން ބްލޮކުގައި ނިދާފައި އޮއްވައި ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ.
އެ މައްސަލާގައި ތަހުގީގު މަރުހަލާއިން ފެށިގެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ވެސް ޝުމޮން މިއާ ވަނީ އޭނާ އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފައެވެ. އެގޮތުން އޭނާ ބުނީ އިއްސެ މަރާލަން ނިންމި އެއް ސަބަބަކީ އިތުރު ގަޑީގެ ފައިސާ ނުދިނުން ކަމަށެވެ. އަދި ދެވަނަ ސަބަބަކީ، އޭނާ އަންހެނުންނާ ފޯނުން ވާހަކަ ދައްކާ ގަޑީގައި އިއްސެ ޝަކުވާ ކުރާތީ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި ފުރަތަމަ ހުލާސާ ބަޔާން އިއްވަން އޮތް ދުވަހު ޝުމޮން މިއާ އެކުށަށް އިންކާރުކުރިއެވެ.
މީގެ އިތުރުން، މީގެ ކުރިން އޮތް އަޑުއެހުމެއްގައި ޝުމޮން މިއާގެ ވާހަކަތައް ބަދަލުވީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ، ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވީ ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި އަދި އޭނާއާއެކު އެ މައްސަލައިގައި ދެން ހައްޔަރުކުރި ދެ މީހުންވެސް އެކުގައި އެއް ގޮޅިއެއްގައި ބާއްވާނެކަމަށް ބުނުމުން ކަމަށެވެ.
ނަމަވެސް އަނެއް ދެމީހުންގެ މައްޗަށް އުފުލި، މީހެއްގެ މަރެއް ފޮރުވުމުގެ ދައުވާ ސާބިތުނުވުމުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ.
ޝުމޮން މިއާގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހުން ޝަރީއަތަށް ހާޒިރުކޮށްފައިވެއެވެ. އަދި ޝުމޮން މިއާއަށް އެއްވެސް އަނިޔާއެއް ނުވަތަ މަޖުބޫރުކަމެއް ކުރިމަތިކުރުވިންތޯ އެހުމުން އެކަމަށް ފުލުހުން ވަނީ އިންކާރުކޮށްފައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ވަނީ، ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި ޝުމޮން މިއާ ދައުވާއަށް އިންކާރު ކުރި ސަބަބަކީ އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެވޭނެ ސަބަބެއް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށް ބުނެފައެވެ.
ހަމައެއާއެކު، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ޝުމޮން މިއާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަކަށް ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން ޝަރީއަތުން އިއްސެގެ ތިން ވާރިސުންގެ ބަސް ނެގިއެވެ. އަދި އެ ތިން މީހުން ވެސް އެދިފައި ވަނީ މަރަށް މަރު ހިފުމަށެވެ. އެއާއެކު މައްސަލަ ބެއްލެވި ފަނޑިޔާރު ޢަލީ އާދަމް ވަނީ ޝުމޮން މިއާ މެރުމަށް ހުކުމް ކުރައްވާފައެވެ.