އެމެރިކާގެ މޭޖަ އީގް ސޮކާ (އެމްއެލްއެސް) ގައި ފިލަޑެލްފިއާ ޔުނިއަންއާ ދެކޮޅަށް އިންޓަ މިއާމީ ކުޅެ 2-2 އިން އެއްވަރުވި މެޗުގެ ފަހުވަގުތު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، އިންޓަ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޑިފެންޑަރު އިއަން ފްރޭ ޖޫރިމަނާކުރުމަށް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.
މެޗުގެ 101 ވަނަ މިނެޓުގައި އިދިކޮޅު ކުޅުންތެރިއެއްގެ މޫނަށް، ބޮލަށް ނުވަތަ ކަރަށް އަތްލުން މަނާކުރާ އެމްއެލްއެސްގެ ގަވާއިދާ ހިލާފުވެގެން މެސީ އާއި ފްރޭ ޖޫރިމަނާކުރި ނަމަވެސް، އެމްއެލްއެސް އިން އެ ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
މިކަން ހިނގާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެސީ އާއި ފިލަޑެލްފިއާގެ 22 އަހަރުގެ މިޑްފީލްޑަރު ކުއިން ސުލިވާންއާ ދެމެދު ހިނގި ބަހުގެ ހަމަލާތަކަކަށްފަހު، މެސީ އޭނާގެ ބޮލުގެ ފުށްކިބައިގައި ޖެހުމުގެ ސަބަބުންނެވެ. މެސީ ތުހުމަތުކުރި ގޮތުގައި ސުލިވާން ވަނީ ބޯޅަ ފޮނުވާލި ވަގުތު އުޅަނބޮށިން އޭނާގެ ގައިގައި ޖަހާފައެވެ.
މެޗުގެ ތެރޭގައި ރެފްރީ މެސީއަށް ކާޑެއް ދައްކާފައި ނުވާތީ، އޭނާއަށް ސަސްޕެންޝަނެއް އައިސްފައެއް ނުވެއެވެ. މި ހަމަނުޖެހުމުގެ ކުރިން މެސީ ވަނީ މިއާމީއަށް ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.
މިއީ 2023 ގައި އެމްއެލްއެސްއާ ގުޅުނު ފަހުން މެސީއަށް މިފަދަ ފިޔަވަޅެއް މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ނިއުޔޯކް ސިޓީ އެފްސީގެ އެސިސްޓަންޓް ކޯޗު މެހެދީ ބަލޫޗީގެ ކަރުގައި ހިފުމުގެ ސަބަބުންވެސް މެސީ ވަނީ ޖޫރިމަނާކޮށްފައެވެ.
މެސީގެ އިތުރުން މިއާމީގެ ޑިފެންޑަރު އިއަން ފްރޭވެސް ވަނީ ކުއިން ސުލިވާންގެ ކަރުގައި ހިފުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ. މެޗުގެ ފަހުވަގުތު ދަނޑުމަތީގެ މަޝްރަހު ހޫނުވެ މިއާމީގެ ޔަނިކް ބްރައިޓް އަދި ކުއިން ސުލިވާންގެ ކޮއްކޮ ކަމަށްވާ ފިލަޑެލްފިއާގެ 16 އަހަރުގެ ކެވާން ސުލިވާން އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
ނަމަވެސް، ކެވާން ސުލިވާނަށް ދެއްކި ރަތް ކާޑާއި ސަސްޕެންޝަނާ ގުޅިގެން ކުރި އިސްތިއުނާފު ކާމިޔާބުވެ މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި މި ހަފުތާގެ އެހެން މެޗުތަކުގައި، ރަތް ކާޑަށްފަހު ދަނޑުން ފައިބަން ލަސްކުރުމުން ޓޮރޮންޓޯ އެފްސީގެ ވޯކާ ޒިމާމަން ޖޫރިމަނާކުރިއިރު، މިންނެސޯޓާ ޔުނައިޓެޑްގެ އެންތަނީ މާކަނިޗް އުސޫލާ ހިލާފުވެގެން ވަނީ ޖޫރިމަނާކޮށްފައެވެ.